ގާދޫއާއި ފޮނަދޫއާ ދޭތެރޭ ރިސޯޓެއް ތަރައްޤީކޮށް، ކޯޒްވޭއަކުން ގުޅާލާނަން: މުއިއްޒު

ލ އަތޮޅު ގާދޫ އާއި ފޮނަދޫ އާދޭތެރޭ ރިސޯޓެއް ތަރައްޤީކޮށް، ކޯޒްވޭއަކުން ގުޅުވާލާނެކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލ. ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މުސްތަޤުބަލަށްޓަކައި ހައްދުންމައްޗަކީ މުހިއްމު ދައުރެއް އަދާކުރާނެ ތަނެއްކަމަށެވެ. އަދި މިގޮތަށް ތަރައްޤީ ގެންނަން ވިސްނާނަމަ ފޮނަދޫގައި ބިން އިތުރުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.
"އިޤްތިސާދީ ނަފާ މި އަތޮޅާއި މި ރަށަށް ހޯދުމުގެ ބޭނުމުގައި ކުރިއަށް ގެންދާ މަޝްރޫއެއް. އެފަދަ މަޝްރޫއެއް ހިންގަނީ އިންވެސްޓްމެންޓަކަށް ހެދުމަށްޓަކައި. އިންވެސްޓުމެންޓަކަށް ވަނީ ކުރާ ޚަރަދު އަނބުރާ ލިބި، ރައްޔިތުންނަށް އޭގެ ފައިދާތައް ވާތީ" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުގައި ފެށި ލ. ބަރެސްދޫގެ މަސައްކަތް އަލުން ފައްޓަވާނެކަމަށާއި މި އަތޮޅު މާމެންދޫ ކައިރިގައި އޮތް ހުޅިމެންދޫގައިވެސް އިތުރު ރިސޯޓެއް ޤާއިމްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މީގެ އިތުރުން މި އަތޮޅުގެ އެންމެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ގަމާއި ފޮނަދޫ ހިމެނޭހެން އައްސޭރި ޓޫރިޒަމްގެ ބޮޑު މަޝްރޫޢެއް ހިންގާނެކަމަށާއި ހޮޓެލް ސްކޫލެއް ޤާއިމްކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެތަނަކީ [ހޮޓެލް ސްކޫލް] ތަމްރީނު ލިބޭ، ތަމްރީނު ދޭ، އޮން ދަ ސްޕޮޓް ޓްރެއިނިން އާއެކު ވަޒީފާއާ އެކު ޓްރެއިނިން ލިބިގެން ހިންގޭ ތަނަކަށް ވެއްޖިއްޔާ ރިސޯޓު ވެސް ހިންގުނީ. އާމްދަނީ ވެސް ލިބުނީ. ރައްޔިތުން ވެސް ތަމްރީނު ކުރެވުނީ. އިތުރު މީހުންނަށް ވަޒީފާ ލިބިގެން ދަނީ" މުއިއްޒު ވިދާޅުވިއެވެ.
"އެތައް އެތައް ގޮތަކުން މި އަތޮޅު ކުރި އަރައިގެން ދާނެ. ވަޒީފާގެ އިތުރުވެގެން ދާނެ، ރައްޔިތުން އިރާދަކުރެއްވިއްޔާ އުފަލުން އުޅޭނީ. އެހެންވީމާ ހަތް ދުވަސް ފަހުން ހަދަން ވާ ގޮތް ތިބޭފުޅުން ނިންމަވާ" އައްސޭރި ޓުރިޒަމްގެ ބޮޑު މަޝްރޫޢައް އިޝާރާތްކުރައްވައި މުއިއްޒު ވިދާޅުވިއެވެ.

ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ޑރ. މުއިއްޒުގެ ސަޕޯޓަރުން އަތްޖަހަނީ، ފޮޓޯ: ޕީޕީއެމް
މީގެ އިތުރުން މުއިއްޒު ވަނީ ފޮނަދޫގައ ހިއްކާ ބިމުގައި ޤާއިމުކުރުމަށް ނިންމާ ސޯޝަލް ހައުސިންގ މަޝްރޫޢުގައި އެރަށާއި ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބައެއް ހަމަޖައްސައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ޓޫރިޒަމްގެ ދާއިރާ ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ލޭންގުއޭޖް ސްކޫލް ޤާއިމްކުރުމަށާއި ފޮނަދޫގައި ޔުނިވާސިޓީ ކެންޕަސް ޤާއިމުކޮށް، ކޮންވޮކޭޝަން ސެންޓަރެއްވެސް ޤާއިމުކޮށްދެއްވާނެކަމަށް މުއިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ.