ޓްރާންސްޕޯޓު މިނިސްޓަރުގެ މަޤާމުގައި ހުންނެވި މިނިސްޓަރު އައިޝަތު ނަހުލާގެ މަސައްކަތްތަކުގައި އެކަމަނާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ނުފޫޒު ނުފޯރުއްވާކަމަށް ނަހުލާ ވިދާޅުވެއްޖެއެވެ.
ޓީވީ މޯލްޑިވްސްއިން ދިން ސްކްރީން ޓައިމްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ނަހުލާ ވިދާޅުވީ ޤާސިމްގެ އެއްވެސް ނުފޫޒެއް މަސައްކަތަށް ނޯންނަ ކަމަށާއި ފިރިކަލުންގެ މަސްލަހަތު ހުރި ކަންކަމުގައި އެކަމަނާ ބައިވެރިވެވަޑައިނުގަންނަވާކަމަށެވެ.
"ދުވަހަކުވެސް ވިދާޅެއް ނުވާނެ އަޅުގަނޑު މަސައްކަތް ކުރަންވީ ކިހިނެތްކަމެއް. ދުވަހަކުވެސް ގާސިމްގެ ކޮމްޕެނީގެ ކަމެއްގައި ނުވަތަ އެކަހަލަ ކަމެއްގައި އަޅުގަނޑު ކައިރީގައި އެ ވާހަކަ ވިދާޅެއް ނުވާނެ،" ނަހުލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިން ކުރަންޖެހޭ ކަންކަމުގައި ވެސް ޤާސިމް އަމަލު ކުރައްވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި ދުވަހަކު ވެސް އެ މިނިސްޓްރީއަށް ހުށަހަޅާ ކަމެއްގެ ވާހަކަ, ޤާސިމް އެކަމަނާއާއި ހިއްސާ ނުކުރައްވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.
އަދި ވިޔަފާރީގައި ކަމެއް ބޭނުންވެގެން މިނިސްޓްރީއަށް ނުވަތަ ސިވިލް އޭވިއޭޝަނަށް ހުށަހަޅައިފިނަމަ, އެކަމެއްގެ ވާހަކަ ނަހުލާއަށް އެނގިވަޑައިގަންނަވަނީ އިކޮނޮމިކް ކައުންސިލާ ހަމައިން ކަމަށާއި އެފަދަ ޕޭޕަރެއްގެ މަޝްވަރާ ކެބިނެޓުގައި ކުރިއަށްދާ ނަމަ, ކައުންސިލުގައި ނުވެސް އިންނަވާ ކަމަށް ނަހުލާ ވިދާޅުވިއެވެ. އިކޮނޮމިކް ކައުންސިލަކީ އިގްތިސޯދީ ބޮޑެތި ކަންކަމުގައި ގޮތް ނިންމުމަށް ސަރުކާރުގެ ކެބިނެޓުގައި އެކުލަވާލާފައިވާ ކޮމިޓީ އެކެވެ.
"ހާއްސަކޮށް ވިލާއާ ގުޅޭ ކަހަލަ މައްސަލައެއް އޮތިއްޔާ ހަމަ އަޅުގަނޑު ނުވެސް އިންނަން ކައުންސިލުގައެއް. އަޅުގަނޑު އަބަދުވެސް ހަމަ ކައުންސިލުން ނިކުންނަން ވިލާގެ ޕޭޕަރެއް އޮތިއްޔާމު. އަޅުގަނޑާ އެއްކޮށް މިހާތަނަށް މަސައްކަތް ކުރެއްވި އެހެން ވަޒީރުންނާއި, އަދި ރައީސުލްޖުމްހޫރިއްޔާ ވެސް ހެކިވާނެ އެކަމަށް،" ނަހުލާ ވިދާޅުވި އެވެ.
ކުރިއަށް އޮތީ ރިޔާސީ އިންތިހާބުކަމަށާއި މި ދުވަސްވަރު ކައިރިވުމުން ކޮރަޕްޝާނުގެ ތުހުމަތު ކުރުން ފަދަ އެކި ޒާތުގެ ވާހަކަ މީހުން ދައްކާނެ ކަމަށާއި ނަމަވެސް އެފަދަ ވާހަކަ ދައްކާ މީހުން ކުރާ ކަމަކީ އަމިއްލަ ފައި މައްޗަށް ފޮއި ވެއްޓުން ކަމަށް ނަހުލާ ވިދާޅުވެފައިވެއެވެ.