ޚަބަރު ސިޔާސީ

ނާޒިމް ރައީސް ޞާލިޙަށް: ކޯނީ ރިޕޯޓޭ ވިދާޅުވެ އަޅުގަނޑުމެންނަށް ބިރުދައްކަވަން އުޅުއްވާނެ ކަމެއް ނެތް

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: އެމްއެންޕީ

2012 ވަނަ އަހަރުގެ ފެބުރުއަރީ މަހު 7 ވަނަ ދުވަހުގައި ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރަން އެކުލަވާލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ގެއްލުނު ވާހަކަ ދައްކަވައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރައްޔިތުންނަށް ބިރު ދައްކަވަން ނޫޅުއްވުމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މިރޭ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ޑިނާ ނައިޓްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި "ފެބްރުއަރީ 7"ގައި އެބޭފުޅާ އަދާކުރެއްވީ ޤައުމީ ވާޖިބު ކަމަށާއި ނާޒިމް ކުށްވެރިވާނެ އެއްވެސް ކަމެއް އެ ދުވަހު ކުރައްވާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބިރު ދައްކަން އުޅޭނެ ކަމެއް ނެތް. ކޯނީ ރިޕޯޓްގެ ވާހަކަދައްކާނެ ކަމެއް ނެތް. ތަފާތު ވާހަކަދައްކަވާނެ ކަމެއް ނެތް. އަޅުގަނޑުމެންގެ ފަހަތުން ދުވެވޭނެ ގޮތެއް ނޯންނާނެ. އަޅުގަނޑުގެ ފަސްބައި ސާފުވާނެ، ފަހަތުން ދުވާނެ އެއްޗެއް ނޯންނާނެ... އަޅުގަނޑުގެ ހިދުމަތުގެ 25 އަހަރާއި އިތުރަށް ހިދުމަތް ކުރެވުނު ބައިގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާ އެކުގައި މަސައްކަތް ކޮށްފައި އޮންނާނީ" ނާޒިމް ވިދާޅުވި އެވެ.

އަދި މިފަހަރު ދޫދެއްވާނީ ރައީސް ޞާލިޙު ވެރިކަމުން ދުރުކުރައްވާފައިކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

(ކޯނީ)ގެ ރިޕޯޓް މިހާރު ފެންނަން ނެތް ކަމަށާއި އެކަން ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަަށް ރައީސް ޞާލިޙް ވިދާޅުވީ ރިޔާސީ އިންތިހާބަށް ހދ. ނޭކުރެންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން އެ ރިޕޯޓު މިހާރު ނެތް ކަމަށާއި, އެ ވީތަނެއް ނޭނގިގެން ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

"އެ ވީތަނެއް ނޭނގެ މިހާރު. އެ މައްސަލަ ބަލަން އަޅުގަނޑުމެން ވާނީ މިހާރު ފުލުހަށް ހުށަހަޅާފައި. މިއީ ދައުލަތުގެ ކޮން ކަހަލަ ބޮޑު ސިއްރެއްތޯ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޯނީ ރިޕޯޓް "ނައްތާލީ" ކަމުގެ ތުހުމަތު މީގެ ކުރިން ފެންމަތިވެފައިވާއިރު އެ މައްސަލާގައި ކުރީގެ ރައީސަކާއި އެ ރައީސްގެ ކެބިނެޓުގެ ދެ ވަޒީރަކު ޕޮލިހަށް ހާޒިރުކުރަން ނިންމާފައިވާ ކަން އެނގިފައިވެ އެވެ.

ކޮމިޝަން އޮފް ނެޝަނަލް (ކޯނީ) ކޮމިޝަން އެކުލަވާލީ ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވާން ހިނގާފައިވާ ގޮތް، މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ބަލައި ހޯދައި، އެކަމުގެ ރިޕޯޓެއް އެކުލަވައިލުމަށްކަމަށްވާއިރު އެ ވެރިކަން ނިމުނީ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި އެކަމާއި ގުޅިގެން، އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދުވެސް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނީ، އެމްޑީޕީން ތުހުމަތު ކުރި ގޮތަށް ބަޣާވާތަކުން ނޫން ކަމަށާއި ގާނޫނީ ގޮތުން ސައްހަކޮށް ކަަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!