މުދާ ގަންނަ ފަދައިން އިންސާނުން ގަންނަ ޕާޓީއަކަށް އެމްޑީޕީ ވެއްޖެކަމަށް އިލްޔާސް ލަބީބްގެ ކެމްޕެއިން ތަރުޖަމާނު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު (އިއްލެ)ގެ ކެމްޕޭނު ފަހު ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން އިންތި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ކުރިން ފެށްޓެވި އިސްލާހީ މަސައްކަތުގައި ބޭފުޅުން ބޮޑެތި ޤުރުބާނީއާއެކުގައި އެ ހާސިލްކުރި މިންވަރުގެ ގްރޭޑް މި ސަރުކާރުން ދަށްކުރަމުންދާކަމަށެވެ.
އެގޮތުން މި ސަރުކާރުގެ އަރިސް މީހަކަށް ވުމަށްޓަކައި ސަރުކާރުން އަންގާ ގޮތަކަށް ވައްކަން ކޮށް، ސަރުކާރުން ކުރާ ހުރިހާ ކަމަކަށް "އަތްޖަހަން" ތިބެންޖެހޭކަމަށް ފާހަގަކުރައްވަމުން އިންތި ވިދާޅުވީ މި ސަރުކާރުގެ ސަބަބުން އިންސާނާ ޤަބޫލުކުރާ ހުރިހާ އުސޫލުތަކެއް ދޫކޮށްލަން ރައްޔިތުންނަށް މަޖުބޫރުވެފައިވާކަމަށެވެ.
"ސަރުކާރުގެ އަރިސް މީހަކަށްވާނަމަ ޖެހޭ ވައްކަން ކޮށްލަން، ޕެޓީ ކޭޝްކޮޅެއް ނަގަން އެބަޖެހޭ، އޭރުން ސަރުކާރުގެ ވަރަށް މީހަކަށް ވެގެންދޭ، އިދިކޮޅު ހިޔާލެއް ފާޅުކުރާ މީހާ އެމީހާ ހައްޔަރުކުރީމާ އަތްޖަހާންޖެހޭ މީހަކަށް އެބަ ވާންޖެހޭ، އޭރުން ސަރުކާރު ވަރަށް އަރިސް މީހަކަށްވޭ،... އަޅުގަނޑުމެން ޤަބޫލުކޮށްފައިހުރި ހަމަތައް އުސޫލުތައް ދޫކޮށްލުމަށް މަޖުބޫރުކަމުންދަނީ، މުދާ ގަންނަ ފަދައިން އިންސާނުން ގަންނަ ޕާޓީއަކަށް އެމްޑީޕީ ވެއްޖެ، ސަރުކާރު ވެއްޖެ، އިންސާނާ ގަބޫލުކުރާ ހުރިހާ އުސޫލުތަކެއް ދޫކޮށްލަން މަޖުބޫރުވެއްޖެ.. އިންސާނާގެ ގްރޭޑް ދަށްކޮށްލަން މިޖެހެނީ، ކޮންފަދަ ކަމެއް މީނާ ވެރިކަމަށް އަރާވަޑައިގެން މިކުރައްވަނީ"
އެހެންކަމުން މިހާރު ވެރިކަން ކުރަމުންދާ އެމްޑީޕީގެ ސަރުކާރަކީ މުދާ ގަންނަ ބީދައިން އިންސާނުން ގަންނަ ޕާޓީއެއްކަމަށާއި މި އަނިޔާވެރި ކަމުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި މާދަމާ ވޯޓު ލައްވާއިރު ދިވެހިން ވިސްނަވާވަޑައިގެންނެވުމަށް އިންތިވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.
"މިއީ ތިޔަބޭފުޅުންނަށް އެއްގޮތަކަށްވެސް ތިބޭފުޅުންނަށް ހައްޤުވާ މިންވަރާ ގާތަކަށްވެސް،.. ތިބޭފުޅުންގެ އިންސާނީ ކަރާމަތަށް އަރައިގަންނަމުން ރޯމާ ދުވާލު ފާޅުގައި އަރާގަންނަމުން ދާ ބޭފުޅެއް، އެބޭފުޅާއަށް ނޫނެކޭ ޖައްސަވާ" އިންތި ވިދާޅުވިއެވެ.
މީގެ އިތުރުން ޑިމޮކްރެޓްސްގެ ޖަލްސާގައި ރައީސް ނަޝީދު އަވަހާރަކޮށްލެއްވުމަށް ދިން ބޮމުގެ ހަމަލާއަށް އިޝާރަތްކުރައްވަމުން އިންތި ވިދާޅުވީ ތަބަކަށް ލާފައި ރައީސް ޞާލިޙަށް ވެރިކަން ދެއްވީމާ ހުރިހާ ހަތިޔާރެއް ބޭނުންކުރެއްވީ ރައީސް ނަޝީދު ނެތިކޮށްލުމަށްކަމަށާއި މި ސަރުކާރުން އެއްވެސް އިންޞާފެއް ރައީސް ނަޝީދަށްވެސް އަދި އެހެންކަމަކަށްވެސް ޤާއިމުކޮށްދެވިފައިނުވާ ކަމަށެވެ.
އަދި ރައީސް ޞާލިޙަކީ ވެރިކަން ލިބިއްޖެނަމަ "ވެރިކަމަށްޓަކައި ބޫތުކައިގެން" އުޅުއްވާ ބޭފުޅެއްކަމަށާއި އޭގެ ސަބަބުން "ބޮލަށް ބަޑިޖަހާފައިވެސް ވެރިކަމުގައި ހުންނަން ގަސްތުކުރައްވާފައިވާ ބޭފުޅެއް" ކަމަށްވެސް ފާހަގަކުރައްވަމުން އިންތި ވިދާޅުވީ މިފަހަރު މިއީ ރައީސް ޞާލިޙަށް ނޫނެކޭ ރައްޔިތުން ބުނަންވީ ފަހަރުކަމަށާއި ރައީސް ޞާލިހުގެ އަނިޔާވެރިކަމުން މުޅި ޤައުމު މިންޖުކުރެވޭނީ ހުރިހާ ރައްޔިތުން ނިކުމެ މާދަމާ އޮތް އިންތިޚާބުގައި އިލްޔާސް ލަބީބަށް (ކެންޑިޑޭޓު ނަންބަރު 7) ވޯޓު ދެއްވައިގެންކަމަށެވެ.
ކޮބާ މައްސަލައަކީ. ގަނެގެންވެސް ތި ލާދީނީ ބައިގަނޑު ބަލިކުރާނަން.