ޚަބަރު ސިޔާސީ

އެކި އެކި ސިޔާސީ ވެރިން މި ޤައުމަށް ޖެއްސި މުސީބާތްތަކުން ސަލާމަތްކުރުމަށް އަޅުގަނޑަށް ވޯޓު ދެއްވާ: ޤާސިމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ޖުމްހޫރީ ޕާޓީ

އެކި އެކި ސިޔާސީ ވެރިން މި ރާއްޖެއަށް ޖެއްސި އެކި ވަރުގެ މުސީބާތްތަކުން ރާއްޖެ ސަލާމަތްކޮށް އަދި ރާއްޖެ ހަމަ މަގަށް އެޅުވުމަށްޓަކައި ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހިމް އަށާއި އެމަނިކުފާނުގެ ރަނިންމޭޓު ޑރ. އަމީން އިބްރާހިމަށް ވޯޓުދެއްވަން ޤާސިމް އެދިވަޑައިގެންފިއެވެ.

Ads by STELCO

މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ޤާސިމް ވިދާޅުވެފައިވަނީ މިޤައުމު މިއަދު މިއޮތީ ނުރައްކާތެރި ފައްތަރެއްގައިކަމަށާއި އެކި އެކި ސިޔާސީ ވެރިން ޖެއްސި މާލީ މުސީބާތްތަކުން ޤައުމު ސަލާމަތްކުރުމަށް ޤައުމު ދެކެ ލޯބިވާ ތަޖުރިބާހުރި ހަޤީޤީ ވެރިޔަކު އިންތިޚާބު ކުރަން އަވަސްކުރަންޖެހޭ ކަމަށާއި އެހެންނޫންނަމަ، މި ޤައުމުގެ ރައްޔިތުންގެ އަމިއްލަ މިނިވަންކަން ނެތިގެން ގޮސްދާނެކަމަށެވެ.

އަދި ފާއިތުވެ ދިޔަ 10 އަހަރުގައި ރާއްޖޭއިން ސޮވަރިން ދަރަނި އިތުރުކޮށްފައިވާކަމަށް ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ 120 ބިލިއަން ރުފިޔާއާއި ހަމައަށް ޤައުމުގެ ދަރަނި މަތިވެފައިވާއިރު ކުރިއަށް އޮތް 5 އަހަރު ނިމޭއިރު އެ އަދަދު 165 ކަށް އަރާނެކަމަށް ޤަބޫލުކުރެވޭކަމަށެވެ.

އަދި 2026 ވަނަ އަހަރު ނިމޭއިރު އެއް ބިލިއަނަށްވުރެ ގިނަ ޑޮލަރު ރާއްޖެއިން ދަރަނި ނަގާފައިވާ ޤައުމުތަކަށް ދައްކަންޖެހޭއިރު އެ ދަރަނިތައް އަނބުރާ ދެއްކޭނެ ގޮތް ދަންނަ މީހަކަށް މެނުވީ އެކަން ނުކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.

އަވަށްޓެރި ސްރީލަންކާ ފަދައިން މި ރާއްޖެ ޑިފޯލްޓުވުމަކީ ދުރުގައި އޮތްކަމެއް ނޫންކަމަށާއި، މި ހާލަތުގައި ގައުމު އޮތްއިރުވެސް ވެރިކަމުގައި ތިބި ބަޔަކު އަދިވެސް މަސައްކަތްކުރަނީ ޤާނޫން އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށްކަމަށާއި އެ މަގުން ގޮސް މިހާރު މުޅި ދައުލަތުގެ ނިޒާމުތައް ފެއިލްކޮށް ކޮރަޕްޝަނުގެ އަމަލުތައް އިންތިހާއަށް ބޮޑުވެފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޒަރޫރީ އެންމެ ކުދި ކަންކަމުގައިވެސް ކޮރަޕްޝަން ހިންގާކަމަށް ތުހުމަތުކުރައްވަމުން ޤާސިމް ވިދާޅުވީ ބޮޑެތި ބަލިތައް ތަޙައްމަލުކުރާ ނިކަމެތި ރައްޔިތުމީހާއަށް އާސަންދަވެސް ހަމަޖެހެނީ ކޮންމެވެސް ވެރިއެއްގެ ގާތުގައި ސަލާންޖަހައި އާދޭސްކޮށްގެން ކަމަށާއި އެފަދަ ކަންކަމުން ދުރުވެ، ދަރނީގެ ދަންތޫރައިން ރާއްޖެ ސަލާމަތްކޮށް ޤާނޫނު އަސާސީއާއި ޚިލާފަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކޮށް ސަރުކާރުން ގަސްދުގައި ރާއްޖޣެ އިޤްތިޞާދީ ސަރަހައްދުން މޮރިޝަސްއަށް ދޫކޮށްލި ބައި އަލުން ހޯދުމަށް މަސައްކަތްކުރުމަށް ޤާސިމަށް ވޯޓުދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

އަދި އަދުލުވެރިކަމާއި އިންސާފު މި ރާއްޖޭގައި ޤާއިމުކޮށް، ގައުމުގެ އިޤްތިޞާދު ހަމަ މަގަށް އަޅުވައި އެންމެހައި ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ބޯހިޔާވަހިކަން ފޯރުކޮށްދީ ސިއްހީ ގޮތުން، އިޖްތިމާއީ، އަދި އިލްމީގޮތުން މި ރާއްޖެ ތަރައްޤީކޮށް، ޒަމާނީ ވަޞީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖެ ކުރިއެރުވުމަށް ތަޖުރިބާގެ އަލީގައި ޔަޤީންކަމާއެކު ޤައުމު ހަމަ މަގަށް އެޅުވުމަށް ޤާސިމް އަށް ވޯޓުދެއްވުމަށް އެމަނިކުފާނުވަނީ އިލްތިމާސްކުރައްވާފައެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!