ޚަބަރު ސިޔާސީ

 އިތުބާރު ނެތްކަމުގެ މައްސަލަ ނެގީމައިވެސް ޖެއްސުން ކުރަން ފެށީމާ ރައީސް ނަޝީދަށް ހަމަ އިތުބާރެއް ނެތް: ޝަރީފް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އިތުބާރު ނެތްކަމުގެ މައްސަލަ ނެންގެވުމުންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަލާމާތާއި ފުރައްސާރައާއި ޖެއްސުން ކުރަން ފެށްޓެވުމުން އެމަނިކުފާނަށް މިހާރުވެސް އިތުބާރެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނެގި ނަމަވެސް ބޮޑާވެ، މަލާމާތްކޮށް ފުރައްސަ ކުރައްވާތީ ހަމަ ރަނގަޅަށްވެސް އެމަނިކުފާނަށް އިތުބާރެއް ނެތްކަމަށެވެ.

"އަޅުގަނޑުމެންގެ ބޮލުގައި އިލްޒާމް އަޅުވާއިރު އަޅުގަނޑުގެ އިތުބާރު ހަމަ ނެތިގެން، އަޅުގަނޑުމެން ރައީސްގެ އިތުބާރު ނެތްކަމަށް ސޮއިކޮށްފަ ހުށަހެޅީ. އެހެން ނަމަވެސް އޭގެ ނާޖައިޒް ފައިދާ ނަގާ ސުލްހަޔަށް ކަންތައް ކުރަން ދިމާ ކުރީމާ މަލާމާތާއި ފުރައްސާރައާއި ޖެއްސުން ކުރަން ފެށީމާ އަޅުގަނޑުގެ އިތުބާރު ހަމަ ނެތް" ޝަރީފު ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީ މެމްބަރުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެންގެވި ނަމަވެސް އެނެންގެވި ސަބަބު އެމްޑީޕީގެ މެމްބަރުން ހާމަކޮށް، ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މަޖިލީހުގައި ވިދާޅުވެފައިވާތީއެވެ. އިންތި ވިދާޅުވީ މަޖިލިސް ހުއްޓުވައި ކޮމެޓީތައް ހުއްޓުވީ ސީދާ ސަރުކާރުން ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، ޑިމޮކްރެޓުން ބޮޑާވާއިރު، ލިބުނީ ވަހީދަށް ލިބުނު އަދަދާއި ގާތްކުރާ ވަރުގެ ވޯޓު ކޮޅެއްކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!