ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން އާންމު ވޯޓެއް ނަގަން ގޮވާލާ ޤަރާރެއް އިލްޔާސް ހުށަހަޅުއްވައިފި

"މިއީ އަނެއްކާވެސް ރައްޔިތުން ކައިރިން ސާފު ކޮށްލަން ވީ ވަގުތު. މިހާރު މިއީ ރަނގަޅު ވަގުތު ކަމުގައި އަޅުގަނޑަށް ފެނުނީ ނިޒާމު މިހާރު މި އޮތް ގޮތަށް ބާއްވަންވީތޯ ނުވަތަ ބަދަލު ކުރަންވީތޯ." އިލްޔާސް ވިދާޅުވި އެވެ.
އެ ޤަރާރަކީ ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވޯޓާ ހަމައަށް އަންނަ އިރު، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ރައްޔިތުން ވޯޓުލުމުގެ ބަދަލުގައި އެހެން މަޤުސަދުތަކެއް ހާސިލުކުރުމަށްޓަކައި ރައްޔިތުން ވޯޓުލާން ޖެހިފައިވާކަން ފާހަގަކުރެވޭތީ އާއި، ރައްޔިތުން ބޭނުންވާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި ރައްޔިތުންގެ ހައްޤުގައި އެކަމަށް އެއްވެސް ވޯޓެއް ދެވޭ ތަންވެސް ފާހަގަނުކުރެވޭތީ، މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ދެކޭ ގޮތް ސާފުކުރުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ހުށަހަޅާ ގަރާރެއް ކަމަށް އިލްޔާސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މިހާރު އަމަލުކުރަމުން އަންނަ ޤާނޫނުއަސާސީއަށް 15 އަހަރު ވެފައިވާ އިރު، އެ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބަކަށް ބެލި ކަމުގައިވީ ނަމަވެސް، އެއިން ކޮންމެ އިންތިހާބެއްގައި ވެސް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ވޯޓުލުމުގެ ބަދަލުގައި ރައްޔިތުން ވޯޓު ދޭން ޖެހިފައިވަނީ، އެ އިރެއްގައި ސަރުކާރުގައި ހުންނަ ވެރިމީހާ ކަމުނުގޮސްގެން އޭނާ ވެރިކަމުން ބާލައި، ވެރިކަން ބަދަލުކުރުމަށް ކަމަށް އެ ޤަރާރުގައިވެއެވެ.
އަދި އެއިން ކޮންމެ އިންތިޚާބަކާއި ހަމައަށް އަންނަ އިރު، ކޮންމެވެސް ބަޔަކު ސިޔާސީގޮތުން ބަންދުގައި ތިބޭތީ، އެ ބައެއްގެ ސަޕޯޓަރުންނާއި އެ ބަޔަކު އަބަދުވެސް މަސައްކަތްކުރަން ޖެހިފައިވަނީ، އަދި ވޯޓުލާން ޖެހިފައިވަނީ އެ ބަޔަކު މިނިވަންކުރުމުގެ މަޤުސަދުގައި ކަމަށާއި މިހާތަނަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލީ އެއްވެސް ކެންޑިޑޭޓަކަށް ކޯލިޝަން ހެދުމަކާ ނުލައި އިންތިހާބުގެ ފުރަތަމަ ބުރުން 50 އިންސައްތައަށްވުރެ ގިނަ ވޯޓު ކާމިޔާބުކުރެވިފައި ނުވާ ކަމަށް އެ ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ކޮންމެ ރިޔާސީ އިންތިހާބެއްގައި ކޯލިޝަން ހެދުމާއި، އިންތިޚާބުގެ ތެރެއިން އެއް ޕާޓީ އަނެއް ޕާޓީއާ އެއްބަސްވުންތައް ހެދުމާއި، ވެރިކަމުގެ ދައުރުގެ ވަކި ހިސާބަކުން ޕާޓީތަކުގެ މެދުގައި ހިލާފު އުފެދި، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކާއި ޤައުމަށް ގެންނަން ޖެހޭ ތަރައްޤީއާއި ދިމިގުރާތީ ނިޒާމެއްގައި މަސައްކަތް ކުރަންޖެހޭ އެންމެ އެކަށީގެންވާ ގޮތެއްގައި ސަރުކާރުތަކުން މަސައްކަތްކުރަމުން އައިސްފައިނުވާ ކަމަށް އިލްޔާސްގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން އެ ޤަރާރު ހުށަހަޅުއްވަނީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި 30 ނޮވެމްބަރު 2023 ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓަކަށް އެ މައްސަލަ ހުށަހަޅައި، ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ކުރިއަށްދިއުމަކީ މުޅި ރާއްޖޭގެ މުސްތަޤުބަލަށް އެންމެ ފަހި އަދި އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީކަމަށް އިލްޔާސް ވިދާޅުވެފައިވެއެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެންމެ ފަހުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގާފައިވަނީ 18 އޮގަސްޓް 2007 ގައި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ.






ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.