މާރިޔާގެ ރައްދު ފުއާދަށް: ވީލް ޗެއާ ދީފައި ނުވުމަކީ ފަޚްރުވެރިވާންޖެހޭ ކަމެއްނޫން

ރާއްޖޭގެ ތާރީޚުގައި ވެސް ވޯޓުލާ މީހުންނަށް ވީލް ޗެއަރ ދީފައިނުވާނެ ކަމަށް ވިދާޅުވެ، މާރިޔާ އަހުމަދު ދީދީއަށް އިލެކްޝަންސް ކޮމިޝަނަރު ފުވާދު ތައުފީގު ދެއްވި ރައްދަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިރޭ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކިޔު ދިގުވުމުގެ ސަބަބުން އެތައް ބަލި މީހުންނެއް ވޯޓު ނުލެވި ގެއަށް ގޮސްފައިވާކަމަށާއި ދުވަސްވީ މީހުންނަށް ވީލްޗެއާ އެއްވެސް ފޯރުކޮށްދީފައިނުވާއިރު ކިޔުގައި މަޑުކުރާ އިރު އިށީންނާނެ ގޮތެއް ވެސް ނެތް ކަމަށް މާރިޔާ ވިދާޅުވުމުން ރާއްޖޭގެ ތާރީހުގައި ވެސް ވޯޓުލާ މީހުންނަށް ވީލް ޗެއަރ ދީފައިނުވާނެ ކަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ.
ފުއާދަށް ރައްދުދެއްވަމުން މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓުލާ މަރުކަޒު ތަކުގައި ވީލް ޗެއާ ފޯރުކޮށްދީފައިނުވާކަމަށް ވިދާޅުވުން އެއީ ފަޚުރުވެރިވެވަޑައިގަންނަވަން ޖެހޭ ކަމެއް ނޫންކަމަށާއި މާރިޔާ އަށް ވިސްނިވަޑައިގަންނަވާ ގޮތުގައި މީގެ ކުރިންވެސް އިންޓަނޭޝަނަލް ރެޑް ކްރެސެންޓުގެ އެހީގައި ވީލް ޗެއާތަކަށް މަގުފަހިކޮށްދީފައިވާކަމަށެވެ.
https://twitter.com/MariyaDidi/status/1701977421694763452
މީގެ އިތުރުން އިންތިޚާބު ބާތިލު ކުރާވަރަށް މި ފަހަރުގެ ބާތިލު ވޯޓު ގިނަ ކަމަށާއި ސައްޙަ ވޯޓު ވެސް ވަނީ ބާތިލު ވޯޓުގެ ގޮތުގައި ނިންމާފައި ކަމަށް މާރިޔާ ވިދާޅުވެފައިވާތީ އެކަމަށްވެސް ފުއާދުވަނީ ރައްދު ދެއްވާފައެވެ. އެގޮތުން، ބާތިލް ވޯޓު ގުނައިގެންވެސް އިންތިހާބުގައި މިހާރު އޮތް ނަތީޖާ ބަދަލު ވެދާނެ ކަމަށް ނުބެލެވޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
އަދި ބާތިލް ވޯޓަށްވުރެ އެއް ވަނަ އާއި ދެ ވަނަ އާ ދެމެދުގެ ފަރަގު ބޮޑު ކަމަށާއި ހަމަ އެގޮތަށް ދެ ވަނަ އާއި ތިން ވަނަ އާ ދެމެދުގެ ތަފަަތުވެސް ބާތިލު ވޯޓަށް ވުރެ ގިނަ ކަމަށްވާއިރު އެކަމުގައި އަޑުގަދަ ކުރައްވަންވީ ސަބަބެއް ނެތް ކަމަށް ފުއާދު ވިދާޅުވިއެވެ.
މިފަދަ ވާހަކަފުޅެއް މާރިޔާ ވިދާޅުވެފައި މިވަނީ ރައީސް ޞާލިޙުގެ ނަމާ ދިމާލުގައި ޖަހާފައި ހުރި ރަނގަޅު ފާހަގަތަކެއް ބާތިލް ވޯޓުގެ ގޮތުގައި ކަނޑައެޅި މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. އީސީގެ އޮފިޝަލުން ބާތިލްކޮށްފައި ހުރި ވޯޓު ކަރުދާސްތަކެއް މީސް މީޑިއާގައި މިހާރު ވަނީ އާންމުވެފައިވާއިރު އެ ފޮޓޯތަކުން ފެންނަ ގޮތުގައި ކެންޑިޑޭޓު ނަމާ ދިމާލުގައި ފާހަގަ ޖަހާފައި، ދެވަނަ ފަހަރަށް ހަމަ އެ ތަނުގައި ފާހަގަ ޖަހައި ފަވާލާފައި ހުރި ވޯޓުތަކެއް ވެސް އޮފިޝަލުން ވަނީ ބާތިލްކޮށްފައެވެ.
ބާތިލް ވޯޓު ގުނައިގެންވެސް އިންތިހާބުގައި މިހާރު އޮތް ނަތީޖާ ބަދަލު ވެދާނެ ކަމަށް ނުބެލެވޭނެ ކަމަށް ފުއާދު ވިދާޅުވުމުން މާރިޔާ ވަނީ އެކަމަށްވެސް ރައްދުދެއްވާފައެވެ.
https://twitter.com/mariyadidi/status/1701964207564959760?s=46&t=jg8QsnnqV9c6YEzB_btqmg
"ނަތީޖާ ބަދަލުވާ ވަރަށް ވޯޓުގެ ފަރަގު ކުޑައީ ބާތިލް ވޯޓު ސައްހަ ވާނެއޭތޯ ނުވަތަ ސައްހަ ވޯޓު ބާތިލް ވާނެއޭތޯ ތިޔަ ވިދާޅުވަނީ؟ ނަތީޖާގެ ފަރަގު ކުޑަވިޔަސް، ބޮޑުވިޔަސް ބާތިލް ވާނީ ބާތިލަށް. ސައްހަ ވާނީ ސައްހަ އަށް،" މާރިޔާ ވިދާޅުވިއެވެ.
ރައްޔިތު މީހާގެ ވޯޓަކުން ބަސް ބުނުމަކީ ރައްޔިތު މީހާގެ އަސާސީ ހައްގެއް ކަމަށެށާއި ރައްޔިތުން ލާ ވޯޓުން ނަތީޖާ ކަނޑައެޅުމަކީ ފަރުދީ ހައްގެއް ކަމަށާއި އެއީ ކަލެކްޓިވް ނުވަތަ ގުޅިގެން ދޭ ހައްގެއް ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ފުއާދުގެ ވާހަކަތަފުޅަށް ތާއީދު ނުކުރެއްވޭނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.






ކޮމެންޓް