ޙަސަން ލަތީފުގެ ރައްދު ޝިޔާންއަށް: ފައިސާއަށް ގިޓާމެން ލެންބެވުނަސް ޑިމޮކްރެޓްސްގެ މެމްބަރުން ލަންބުވަން ފަސޭހަނުވާނެ

ވެރިކަން ކުރާ ޕާޓީ އެމްޑީޕީއަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން ލަންބުވާލަން ފަސޭހަފުޅު ނުވާނެކަމަށާއި އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށްވެސް އެނގިވަޑައިގަންނަވާނެކަމަށް ޑިމޮކްރެޓްސް ވަގުތީ ޗެއާޕާސަން، ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ލަތީފު މިހެން ވިދާޅުވީ އެމްޑީޕީން ރޭ ސޯސަންމަގުގައި ކުރިއަށް ގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީއާއި ފެއަށް ޖެހިވަޑައިގެން ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީއަށް ބަދަލުވެފައި ތިއްބެވި އެމްޑީޕީ މެންބަރުން އަލުން އަނބުރާ އެ ޕާޓީއާ ގުޅިވަޑައިގަތުމަށް، ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވުމަށްފަހު އަލުން އެމްޑީޕީއަށް ގުޅިވަޑައިގެންނެވި ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވުމާއި ގުޅިގެންނެވެ.
ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތުމަށް ޝިޔާން ގޮވާލުމުން ލަތީފުވަނީ އެކަމަށް ރައްދުދެއްވައި ޓްވީޓެއް ކުރައްވާފައެވެ.
"ގިޓާ މެން ކަހަލަ ބޭފުޅުން ކޮޅަކަށް އެ ދެއްވި އެއްޗެއް ދެއްވައިގެން އެކުދިން ލައްވާ ތިޔަކަހަލަ ވާހަކަތައް ދެއްކުވިޔަސް ޑިމޮކްރެޓްސްގެ މެމްބަރުންނާއި ސަޕޯޓަރުން އެމްޑީޕީއަށް އަދި އެހާ ފަސޭހައިން ނުލެންބެވޭނެ" ލަތީފު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީއާއެކު މަޝްވަރާކުރުމަށް ދަ ޑިމޮކްރެޓްސްއިން ކޮމިޓީއެއް އެކުލަވާލާފައިވާއިރު ޑިމޮކްރެޓްސްގެ ގިނަ މެމްބަރުން ވިދާޅުވަނީ އެމްޑީޕީއާއި ގުޅިގެން ދެން އިތުރަށް ކުރައްވާނެ މަސައްކަތެއް ނެތްކަމަށެވެ.