ޚަބަރު ސިޔާސީ

ނަހުލާ އަޅާ ކޮންމެ ފިޔަވަޅެއް ބެލުމުގެ ޝައުޤުވެރިކަމެއް ނެތް: ޤާސިމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

އެމަނިކުފާނުގެ އަނބިކަނބަލުންގެ ތެރެއިން ޓްރާންސްޕޯޓު މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޑެޕިއުޓީ ލީޑަރު ޢާއިޝަތު ނަހުލާއަކީ މިނިވަނެއްކަމަށާއި އެކަމަނާ އަޅާ ކޮންމެ ފިޔަވަޅެއް ބެލުމުގެ ޝައުޤުވެރިކަމެއް ނެތްކަމަށް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޤާސިމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖޭޕީން ކުރިއަށްދާނެ ގޮތް ނިންމުމަށްޓަކައި ބޭއްވި ކައުސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

މ. ކުނޫޒުގައި އިއްޔެ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ވަނީ ނިންމާފައެވެ. އަދި މި ބައްދަލުވުމުގައި ނަހުލާ ބައިވެރިިވެވަޑައިގެންފައި ނުވާތީ، އެއީ ކީއްވެގެންތީ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ އަނތްބަކަށް ވީތީ ނުވަތަ ދަރިއަކަށް ވީތީ ކަމެއް ވަކި ގޮތަކަށް ކުރުން މަޖުބޫރު ނޫން ކަމަށާއި ރާއްޖޭގެ ޤާނޫނު އޮތް ގޮތުން ވެސް އަނބިކަނބަލުން ނަހުލާއަކީ މިނިވަނެއް ކަމަށެވެ.

"އޭނާ އަކީ މިނިވަނެއް. އަޅުގަނޑުގެ އަންހެނުންނެއް ކަމަކު ކީރިތި ރަސޫލާ (ސއވ) ގެ ޙައްޖަތުލްވަދާޢުގައި ވެސް އަޅުގަނޑުމެންނަށް އަންގަވާފައި އޮތީ ފިރިމީހާ އަނބިމީހާއަށް އިޙްތިރާމް ކުރާށޭ. އަނބިމީހާ ފިރިމީހާއަށް އިޙްތިރާމް ކުރާށޭ. އެހެންވީމަ އަޅުގަނޑުގެ އެއްވެސް "އިންޓަރެސްޓް"އެއް ނެތް އޭނާ އަޅާ ކޮންމެ ފިޔަވަޅެއް ފަހަތުން ބަލާ ފާރަ ލައިގެން އުޅުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ ނަހުލާ ބޭނުން ގޮތަކަށް ކަންތައްތައް ކުރުމުގެ އިޚްތިޔާރާއި މިނިވަންކަން އެކަމަނާއަށް އޮންނާނެކަމަށާއި އެކަމާ އެމަނިކުފާނު ނުބެހޭނެކަމަށާއި އެމަނިކުފާނުގެ ވިސްނުންހުރީ އިސްލާޙީ މަސައްކަތައްކަމަށް ވިދާޅުވެފައެވެ.

ޤާސިމް މިހެން ވިދާޅުވިއިރު، ރިޔާސީ އިންތިޚާބަށް ކެންޕެއިންކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ ނަހުލާއެވެ. އެކަމަނާ ވަނީ ކެންޕެއިން ހަރަކާތްތަކުގައި ޤާސިމް އަށް ތާއީދު ހޯއްދެވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!