ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަދާފައިވާ ޕޯޓަލް ހެކްކުރުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ރީ-ރެޖިސްޓްރީކުރުމަށް ހުޅުވާލި 2 ދުވަހުގެ މުއްދަތުގެ ފަންސަވީސް ހާހަށް ވުރެ ގިނަ މީހުން ރީ-ރެޖިސްޓްރީވުމަށް އެދިފައިވާކަމަށް އީސީއިން މަޢުލޫމާތުދިނުމާއި ގުޅިގެން އެ ފޯމުތަކުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ ޝަކުވާ ހުށަހެޅުމަށް އީސީއަށް ވަޑައިގެން ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.
ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަންއާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ލިބެމުން އަންނަކަމަށާއި، އޭގެ ތެރޭގައި މީހުންނަށް ނޭނގި އެހެން ތަންތަނަށް ރީ-ރަޖިސްޓަރ ކޮށްފައިވާކަމަށް ބުނެ ޝަކުވާ ކުރަމުން އަންނަކަމަށެވެ.
ސަޢީދު ވިދާޅުވީ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީ ކުރުމަށް އޮންލައިންކޮށް 22،000 ފޯމު ހުށަހަޅާފައިވާއިރު، އެކަމުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ.
"އިލެކްޝަންސް ކޮމިޝަންގެ މި ކަމަށް ހުންނަ ކޮންސަލްޓެންޓް އެ ޔަގީން ކޮށްދެނީ ހެކް ކުރުމުގެ ބައެއް ކަންތައްތަކެއް އެބަ ކުރެއޭ، އެހެންވީމާ އެއީ އަޅުގަނޑުމެން ދެއްކި ވާހަކައިގެ ތެދުކަން ހާމަވާ ކަމެއް" ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސަޢީދު ވިދާޅުވީ މިކަމަށް ޚާއްސަކޮށް ހުރި ކޮންސަލްޓަންޓު ދޭ މަޢުލޫމާތުގެ މައްޗަށް ގޮތް ނިންމާނީ އީސީންކަމަށާއި، ނަމަވެސް އިދިކޮޅު ކޯލިޝަނުން އެކަމުގައި ދޫ ނުދެއްވާނެކަމަށެވެ.
ސަޢީދު ވަނީ ރީ-ރަޖިސްޓްރޭޝަންއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް އީސީގައި އެދިފައިވާނެކަމަށާއި، އެކަމާ ގުޅިގެން ކޮމިޝަނުން ވަކި ޖަވާބެއް ދެއްވާފައިނުވާކަމަށެވެ.
ނަމަވެސް ފޯމުތަކުގެ އަދަދު ގިނަވުމުގެ ސަބަބުން، ފޯމުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް ވަގުތު ބޭނުންވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާކަމަށް ސަޢީދު ވިދާޅުވިއެވެ.