ޚަބަރު ސިޔާސީ

ހިންދެމިލައިގެން މި ދިރިއުޅެވެނީ، މި ސަރުކާރު އައިފަހުން: މީކާއިލް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
މިރޭ ގަލޮޅުގައި ބޭއްވި ކެންޕެއިން ޖަލްސާ ފެށުމުގެ ކުރިން މީކާއިލް ނޫސްވެރިޔަކާ ވާހަކަ ދައްކަވަނީ، ފޮޓޯ: އެމްޑީޕީ

ފާއިތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެގެ ރައްޔިތުން ދިރިއުޅެމުން ދިޔައީ ވަރަށް މިނިވަންކަމާއެކު، ހިންދެމިލައިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ގުޅިފައިވާ ޕާޓީތަކާއެކު ގަލޮޅުގައި މިހާރު ކުރިއަށްދާ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ މީގެ 7 ވަރަކަށް އަހަރު ކުރިން ވަރަށް ދަތި އުނދަގޫ ހާލަތުގައި އެޕާޓީގެ މެންބަރުން އަދި ރައްޔިތުންވެސް އުޅުއްވިކަމަށެވެ. އަދި މި ސަރުކާރުގެ 5 އަހަރުގައި ވަރަށް އުފަލުގައި ދިރިއުޅުމުގެ ފުރުޞަތު ލިބިގެންގޮސްފިކަމަށެވެ.

މީކާއިލް ވިދާޅުވީ ފުލުހުންގެ ތަފާތު ހިސާބުތަކުން ދައްކާގޮތުގައި 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް، 5600 އަށްވުރެ ގިނަ މައްސަލަތައް ވަނީ ރިކޯޑުކުރެވިފައެވެ. އަދި ރައީސް ޞާލިޙުގެ ސަރުކާރުގައި މި އަދަދު 2000 އަށް މަދުކުރެވިފައިވާކަމަށްވެސް މީކާއިލް ވަނީ ވިދާޅުވެފައެވެ.

"މިހާރު މިނިވަންކަމާއެކު، އަމާންކަމާއެކު އަޅުގަނޑުމެންނަށް މަގުމަތީގާ އުޅެވޭތީ، މީ އެހާ ސީރިއަސް ކަމެއްގެ ގޮތުގައި ނުނަންގަވާ ބޭފުޅުން އެބަ ތިއްބަވާފާނެ"

"އެހެން ނަމަވެސް އަޅުގަނޑު ހަނދާންއެބަހުރި މި ރާއްޖޭގެ އެތައް އާއިލާއެއް އަދި މި މާލެއަށް ނިސްބަތްވާ އެތައް އާއިލާއެއްވެސް، އެ އާއިލާތަކުގެ މައިންނާއި ބަފައިން، އެމީހުންގެ ދަރީން މަގުމައްޗަށް ނިކުތްއިރު، 2013 އިން 2018 އަށް، ކޮން ކަންމައްޗަކުންތޯ ތިމަންނާގެ ދަރިފުޅުގެ ގަޔަށް ވަޅިއެއް ޖަހާނީ، ތިމަންނާގެ ދަރިފުޅު ކޮން ކެފޭއެއްގައި އިންދާތޯ، ކޮން ގޭންގަކުން އައިސް އޭނާ ހިފާ ދަމާ ކޫއްތަމުން މާލޭގެ މަގުމަތީގާ ގެންދާނީ"

"އެ ސުވާލުގައި ތިއްބެވި އެތައް މައިންބަފައިންނެއް، އެތައް އާއިލާތަކެއް ހުދު އަޅުގަނޑު ދުށީމު" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވަނީ މި ސަރުކާރު އައިފަހުން ރާއްޖެއަށް އައި ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ވާހަކަ ދައްކަވާފައެވެ. އަދި ރައީސް ޞާލިޙުއަކީ އެފަދަ ހާދިސާއެއް ހިނގި ނަމަވެސް އަޅާނުލާ ދޫކޮށްލައްވާނެ ބޭފުޅެއްނޫންކަމަށް މީކާއިލް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!