ވެރިކަން ލިބިއްޖެނަމަ ތަރައްގީ ގެނެސްދެއްވާނެކަމަށް ވިދާޅުވުމުން ރައްޔިތުން ކުރި އިތުބާރު ދަމަހައްޓަވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެންޕެއިނަށް ނ. މާފަރަށް ވަޑައިގެން ބޭއްވި ޖަލްސާގަިއ ވާހަކަފުޅުދައްކަވަމުން މުޢިއްޒު ވިދާޅުވީ މި ސަރުކާރުން މާފަރުގެ ފަޅުތެރެއިން އިހުތިސޯސުން ވަކި ކޮށްފައިވާ ބައި މާފަރުގެ އިހުތިސޯސްގެ ތެރޭގައި އަލުން ހިމަނުއްވައިދެއްވާނެ ކަމަށެވެ.
އަދި އެކަން ކުރައްވާނީ ދައުރު ނިމެން ކައިރިވެ، އިންތިހާބު ކައިރިވުމުން ނޫން ކަމަށާއި އެކަން ކުރައްވާނީ ވެރިކަމާ ހަވާލުވެވަޑައިގެން ދެތިން މަސް ދުވަހުގެ ތެރޭގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ ރައްޔިތުން އެމަނިކުފާނަށް ވޯތު ދެއްވީ ތަރައްގީ ގެނެސްދެއްވާނެކަމުގެ އުއްމީދާއިއެކުކަމަށެވެ. އަދި އެ އިތުބާރު ދަމަހައްޓަވާނެކަމަށާއި ވައުދުވެފައިވާ ކަންތައްތައް ފުއްދައިދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މާފަރަށް ކުރަން ހުރި ކަންކަން ހާމަ ކުރައްވައި މުއިއްޒު ވަނީ މާފަރުގެ ފަޅު ތެރޭގައި ރިސޯޓެއް ހަދައިދެއްވާނެ ކަމަށާއި މާފަރުގެ ކަރަންޓް ނެޓުވޯކުގައި މިހާރު ލޯޑް ހިފެހެއްޓޭ ވަރު ނެތުމުން ކެޕޭސިޓީ އިތުރުކޮށް އެކަންކަންވެސް ރަނގަޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.