ޚަބަރު ސިޔާސީ

ފަތުރުވެރިކަން ކުރިއެރުވުމަށް އެއަރޓެކްސީގެ ޚިދުމަތް ތަޢާރަފްކުރާނަން, އިތުބާރު ކުރައްވާ: މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ބ.ފުޅާދޫއަށް އެއަރޓެކްސީގެ ޚިދުމަތް ތަޢާރަފްކުރައްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެންޕެއިނަށް ބ. ފުޅަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުޢިއްޒު ވިދާޅުވީ އެމަނިކުފާނަށް އިތުބާރުކޮށް, ވެރިކަމަށް ހޮވައިފި ނަމަ ރައްޔިތުން ބޭނުންވާ ކަންތައްތައް އެންމެ ފުރިހަމައަށް ކޮށްދެއްވާނެ ކަމަށެވެ.

އަދި ފުޅަދޫއަކީ ޓޫރިޒަމް ފުޅާވަމުން އަންނަ ރަށެއްކަމަށާއި އެރަށަށް ޓޫރިސްޓުން ގެނައުމާ އަނބުރާ ދިއުމުގައި އޮތް އެންމެ ބޮޑު ދައްޗަކީ ދަތުރުފަތުރުކަމަށް މުޢިއްޒު ވިދާޅުވިއެވެ. އެކަމަށް ވެސް އެންމެ އެދެވޭ ހައްލެއް ހޯދައިދެއްވާނެ ކަމަށް ވިދާޅުވަމުން މުޢިއްޒު ވަނީ އެއަރޓެކްސީގެ ޚިދުމަތް އެރަށަށް ތަޢާރަފްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މިކަމުގެ ސަބަބުން އެ ރަށުގައި ޓޫރިޒަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުޢިއްޒު ވަނީ އެރަށުގެ ތަޢުލީމާ ސިއްޙީ ނިޒާމު އިތުރަށް ފުޅާކޮށް, އެރަށުން އެދުނުގޮތަށް ސަރުކާރުގެ ޚަރަދުގައި ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ވެސް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!