ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން އިތުރު ގޯއްޗާއި ފްލެޓު ދޫކުރަން ފަށަނީ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ބޯހިޔާވަހިކަމަށް ޙައްލެއް ހޯއްދަވައިދިނުމުގެ ގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އިތުރު ފްލެޓާއި ގޯތި ދޫކުރުމަށް ހުޅުވާލުމަށް ނިންމާފައިވާކަމަށް ހައުސިން މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރު، އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަކްރަމް ވިދާޅުވީ މާލެ ސަރަޙައްދުން ދޫކުރަން ނިންމާފައިވަނީ އިތުރު 6000 ފްލެޓާއި 4500 ގޯތިކަމަށެވެ.

"ބިންތައް ދޫކުރާނެ ތަނެއް ވެސް މިއަދު ނޫނީ މާދަމާ، އިއުލާނުގައި ހާމަކުރާނަން ވަރަށް އަވަހަށް. ރައީސް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ބިންވެރިޔާ ސްކީމުން ގިނަ ބަޔަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދޭނެ" އަކްރަމް ވިދާޅުވިއެވެ.

ދެވަނަ ބުރަށް ފްލެޓާއި ގޯއްޗަށް އެދުމުގެ ފުރުޞަތު މާދަމާގެ ކުރިން ހުޅުވާލާނެކަމަށްވެސް އަކްރަމް ވަނީ ވިދާޅުވެފައެވެ.

"މާދަމާގެ ކުރިން އަޅުގަނޑުމެން އިޢުލާނު ކުރާނަން އެކަމާ ގުޅޭ ހުރިހާ މަޢުލޫމާތެއް، އެއީ މާލެއާ ބުރިޖުން ގުޅާލާނެ ސަރަޙައްދެއް" އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް މާލެ ސަރަޙައްދުން ފްލެޓާއި ގޯތި ދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން 19،000 މީހުންނަށް ގޯއްޗާއި 16،000 މީހުންނަށް ފްލެޓު ދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އަކްރަމް ވިދާޅުވީ ބޯހިޔާވަހިކަމުގެ ސްކީމުގެ ދެވަނަ ބުރުގައި ގޯތި ދޫކުރަން ހަމަޖެހިފައިވަނީ މާލެއާ ބުރިޖުން ގުޅިފައި އޮންނަ ސަރަޙައްދަކުންކަމަށެވެ. އަދި އެއީ ފުށިދިއްގަރުފަޅަށް ވުރެން ރަނގަޅު އަދި ފަސޭހައިން ދެވޭނެ ސަރަޙައްދެއްކަމުގައި އަކްރަމް ވިދާޅުވިއެވެ.

 

ބޯހިޔާވަހިކަމުގެ ފުރަތަމަ ބުރުގައި ފްލެޓު ލިބުނު މީހުންނަށް ގޯއްޗަށް ކުރިމަތި ނުލެވޭކަމުގެ ޝަކުވާ ވަރަށް ބޮޑަށް ލިބެމުން އަންނަކަމަށް ފާހަގަކުރައްވައި އަކްރަމް ވިދާޅުވީ އުޞޫލެއްގެ ތެރެއިން އެކަމަށް ޙައްލެއް ހޯދައިދީފައިވާނެކަމަށާއި ކުރިއަތް އޮތް ދުވަސްތަކުގައި އެކަމުގެ ތަފްޞީލް ހާމަކުރައްވާނެކަމަށެވެ.

"މާދަމާ ނުވަތަ މިއަދު އާ ސްކީމް އިޢުލާންކުރާއިރު ފްލެޓް ނަގައިގެން އުޅޭ ފަރާތްތަކަށް ގޯއްޗަށް ކުރިމަތިލެވޭނެ. ބޮޑު އަގުގައި ފްލެޓް ގަންނަން ޖެހުނު މިސާލަކަށް، ގާކޮށި އަރަބިއްޔާ މީހުންނަށް ވެސް ގޯއްޗަށް ލާން ފުރުސަތު ދެވޭނެ ސަރުކާރުން ހަމަޖައްސާފައިވާ އުޞޫލެއްގެ ތެރެއިން" އަކްރަމް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ފުރަތަމަ ބުރުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ވިހިހާހަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، ސަރުކާރުން ވަނީ ޝަރުތުހަމަވާ އެންމެނަށް ފްލެޓު ދިނުމަށް ނިންމާފައެވެ. ހަމަ އެއާއެކު ބިންވެރިޔާގެ ސްކީމުން ހުށަހަޅާފައިވާ ފަނަރަހާހަށް ވުރެ ގިނަ އެޕްލިކޭޝަންގެ ތެރެއިންވެސް ޝަރުތުހަމަވާ އެންމެނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި ސްކީމުގެ ދަށުން ސަރުކާރުން ފުރަތަމަ ހުޅުވާލާފައިވަނީ 4000 ފްލެޓަށެވެ. އެއީ 18 ބުރީގެ 32 ޓަވަރެވެ. އޭގެތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓް، ތިން ކޮޓަރީގެ 2،800 ޔުނިޓެވެ.

މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު 4000 ހައުސިން ޔުނިޓު އެޅުމަށް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) ކިޔާ ކުންފުންޏަކަށް ވަނީ ހަވާލުކޮށްފައިވެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަޢުލޫމާތުދޭގޮތުގައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓުގެ ގޮތުގައި ހަދާ 18 ބުރީގެ 32 ޓަވަރުގެ ތެެރެއިން، މިހާތަނަށް ގިނަ ޓަވަރުތަކެއްގެ މަަސައްކަތް ވަނީ ނިމުމުގެ މަރުހަލާގައެވެ. އަދި މި ދައުރު ނިމުމުގެ ކުރިން ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށާނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެތަށް ހާސް ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމަށް މިސަރުކާރުން އަންނަނީ ބުނަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!