ލޯބިވާނަމަ އެކަން ހާމަ ނުކޮށް ލަސް ނުކުރާށެވެ. ވަގުތު ފާއިތު ވެދާނެއެވެ.
ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެއް ކަމުގައި މީހުން ބުނެ އުޅެއެވެ. އެކި ގޮތް ގޮތަށް އެކި ރާގު ރާގަށް އެކި މީސްމީހުން ލޯބި މާނަ ކުރެއެވެ. ލޯބީގެ ވަކި މާނައެއް ހަރުލާފައި ނުވާއިރު ލޯބި އެއް ބަޔަކު ސިފަކުރަނީ އުފާވެރިކަން ގެނެސްދޭ ނުހަނު ފޮނި އެއްޗެއްގެ ގޮތުގައެވެ. އަނެއްބަޔަކު ލޯބި ސިފަ ކުރަނީ ވޭނާއި ކެކުޅުން ދިރިއުޅުމަށް ގެނެސްދޭ އެއްޗެއްގެ ގޮތުގައެވެ.
ލޯތްބަކީ ކޮބައިތޯ މީހުންގެ ގާތުގައި ސުވާލު ކޮށްލުމުން އެންމެ ގިނައިން އިވޭ އެއް ޖަވާބަކީ ލޯތްބަކީ ނޭނގި ހުއްޓާ އިންސާނާގެ ހިތުގައި އަނެކާއާއި މެދު އުފެދޭ ޖަޒުބާތެއްގެ ގޮތުގައެވެ. އަދި ހަމަ އެހެންމެ ލޯބީގެ އެކި ވައްތަރުތައް ވާކަމުގައި ބައެއް ޝާއިރުން ސިފަ ކުރެއެވެ. މީގެ ތެރެއިން ވެސް ގިނަ ބަޔަކު އެ ލޯތްބެއްގެ ކަނޑުގައި އޮޔާގޮސް ޣަރަޤުވާ އިހްސާސަކީ އިޝްގީ ލޯތްބެވެ.
ލޯތްބަކީ ނޭނގި ހުއްޓާ ހިތުގައި އުފެދޭ ޖަޒުބާތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާއިރު މީހަކު ދެކެ ލޯބި ވެވުމުން ނުބުނެ ހުރުމަކީ ކޮންކަހަލަ ކަމެއް ބާވައެވެ. ވަރަށް ގިނައިން މީހުން ދައްކާތީ އަޑު އިވޭ އެއް ވާހަކަ އަކީ ލޯބިވާ ނަމަ ނުބުނެ ލަސް ނުކުރާށޭ އެވެ. އެގޮތަށް ލަސް ކުރަން ވެއްޖެ ނަމަ ދެން ފެންނާނީ "ތެޔޮނާށި ކާޅު ޖަހައިގަންނަ ތަން" ކަމުގައި ގިނަ ބަޔަކު ބުނެއެވެ.
ހަގީގަތަކީ ވެސް އެއީ އެވެ. ކިތައްމެ ގާތް ކޮށް އުޅޭ ދެމީހުން ކަމުގައި ވިޔަސް ލޯބިވާކަން ހާމަ ނުކުރާނަމަ އަނެކާއަށް ތިބާ އޭނާ ދެކެ ލޯބިވާކަން ނޭނގިދާނެއެވެ. ފަހަރުގައި ތިބާ އެކަން ބުނެދޭން އެތައް ކަމެއް ކުރި ނަމަވެސް އެކަން އަނެކާއަށް ފަހުމު ނުވެ ހުރެދާނެއެވެ. ފަހަރުގައި ތިބާ ދެކޭ ނަޒަރުން އޭނާ ތިބާއާއި މެދު ނުދެކިދާނެއެވެ.
އެކުގައި އުޅޭ ރަހުމަތްތެރިއަކު ދެކެ ލޯބިވެވުމަކީ ވެސް ބައެއް ފަހަރަށް ވާ ކަމެކެވެ. އެހެން އެކަން ވުމުން ލޯބިވާ ވާހަކަ ހާމަކުރަން ގިނަ މީހުންނަކަށް ނުކެރެއެވެ. ސަބަބަކީ ޒަމާންވީ ރަހުމަތްތެރިކަން ގެއްލިދާނެތީއެވެ. ރަހުމަތްތެރިއެއްގެ ގޮތުގައި ވެސް ލޯބިވެރިއެއްގެ ގޮތުގައި ވެސް އޭނާ ތިބާއަށް ގެއްލިދާނެ ކަމުގެ ބިރު ތިބާއަށް އޮންނަނީއެވެ. ނަމަވެސް ލޯބިވުމަކީ ކުށެއް ނޫނެއް ނޫން ހެއްޔެވެ. ލޯބި ވުމަކީ ކުށަކަށް ނުވާނަމަ އެކަން ހާމަކޮށްގެން އަނެކާ ތިބާދެކެ ރުޅި އަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
ލޯބިވާކަން ހާމަ ނުކޮށް މީހުން ދެން ލަސް ކުރާ އެއް ސަބަބަކީ ލަދު ގަތުމެވެ. ނަމަވެސް ލަދަކާހުރެ ތަދެއް ނުފިލާނެއޭ މުސްކުޅިން ބުނެ އުޅެނީ ތޯތޯ އަކަށް ނޫނެވެ. އެއީ ހަމަ ހަގީގަތެވެ. ހިތުގައި ތިބާ އަނެކާ ދެކެ ވާ ލޯބި ސިއްރުކޮށްގެން ކިތަންމެ ދުވަހަކު ހުރި ނަމަވެސް އޭނާއަށް ތިބާ ލޯބިވާކަމެއް ނޭނގޭނެއެވެ. ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވީ ނަމަވެސް އެކަން އެކަކުވެސް ހާމަ ނުކުރާނަމަ އާޚިރުގައި ދެމީހުންވެސް ދެރަވާނެއެވެ.
މީހަކު ދެކެ ތިމާއަށް ލޯބި ވެވިއްޖެ ނަމަ އެކަން ހާމަ ނުކޮށް ލަސް ކުރުމަކީ މޮޔަ ކަމެކެވެ. އޭރުން ދެން ފެންނާނީ ތެޔޮ ނާށި ކާޅު ޖަހައިގަނެ ވަގުތު ފާއިތުވެފައި އޮންނަ ތަނެވެ. އެހެން ކަމުން މީހަކު ދެކެ ލޯބިވާނަމަ އަވަހަށް އެކަން ހާމަ ކުރާށެވެ.