ޚަބަރު އިޖުތިމާޢީ

ގޯތީގެ މައްސަލައިގައި ގަމު ރައްޔިތުން އަޑުއުފުލަނީ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ލ. ގަމު ރައްޔިތުން އަޑު އުފުލަމުންދަނީ

2018 ވަނަ އަހަރު ލ. ގަމުން ދޫކޮށްފައިވާ 400 ގޯތި ބޮޑުކޮށްދިނުމަށް އެދި ޕްލޭނިންގ މިނިސްޓްރީއަށް ހުށަހަޅާފައިވީނަމަވެސް، އެ މިނިސްޓްރީގެ ހުއްދަ ކައުންސިލަށް އަދިވެސް ލިބިފައިނުވާތީ، ގޯތީގެ ވެރިފަރާތްތަކުން ނިކުމެ، ރަށު ކައުންސިލް އޮފީހުގެ ބޭރުގައި އަޑު އުފުލަން ފަށައިފިއެވެ.

Ads by Sosun Fihaara

ގޯތީގެ ވެރިފަރާތްތަކުން ކައުންސިލް އޮފީހުގެ ބޭރުގައި ބެނާ ހިފައިގެން އަޑުގަދަކުރަމުންދާ މަންޒަރު، ސޯޝަލްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ. އެ ސަރަޙައްދުގައި ކައުންސިލްގެ ބައެއް މެމްބަރުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ސަރުކާރުން ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން 2018 ވަނަ އަހަރު، ލ. ގަމުގެ ތިން އަވަށެއްގެ ހުސްބިންތަކުން 2000 އަކަފޫޓުގެ 400 ގޯތި ދޫކޮށްފައެވެ. އަދި ގޯތި ލިބުނު ގިނަ މީހުން ވަނީ ގޯތި ކުޑަކަމަށް ބުނެ ކައުންސިލަށް ޝަކުވާ ހުށަހަޅާފައެވެ.

އަދި މިކަމާ ގުޅިގެން ރައްޔިތުންގެ އެދުމުގެ މަތިން ގޯތިތައް 4000 އަކަފޫޓަށް ބޮޑުކުރުމަށް ކައުންސިލުން ނިންމާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

"އެކަން ފާސްކުރުމަށް ފަހު އަޅުގަނޑުމެން ވާނީ ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފަ. މިނިސްޓްރީން ބުނީ ލޭންޑް ޔޫސް ޕްލޭން އެކުލަވާނުލާ އެކަން ނުކުރެވޭނެ ކަމަށް" ލ. ގަމު ކައުންސިލް ރައީސް އަޙްމަދު ޒަކީ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ގޯތިތައް ބޮޑުކުރުމަށްފަހު 3 ދުވަސްތެރޭގައި މިނިސްޓްރީއަށް ހުށަހަޅާފައިވާނެއެވެ. އެހެން ނަމަވެސް މިއަދާހަމައަށްވެސް މިނިސްޓްރީގެ ހުއްދަ ލިބިފައިނުވާކަމަށް ވިދާޅުވިއެވެ.

ރައްޔިތުން އަޑު އުފުލަމުން އެ ގެންދަނީ އެކަމާ ގުޅިގެންކަމަށާއި، މިއަދު ހެނދުނު 09:30 ސުރެ އަދިވެސް ކައުންސިލް ބޭރުގައި ރައްޔިތުން އަޑުގަދަކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންނާއެކު ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ކައުންސިލުން މަޢުލޫމާތުދީފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!