އެމްޑީއޭއަކީ “އަންނަ އެއްޗެހީގެ ތެރޭގައި އޮތް ދާ އެތީގެ” ގޮތުގައި ރައީސް ސިފަކުރައްވައިފި
އަންނަ އެއްޗެހީގެ ތެރޭގައި ކޮންމެވެސް ވަރަކަށް ދާ އެއްޗެހިވެސް ހުންނާނެ ކަމަށް ވިދާޅުވެ ކުރީގެ މުހާވިރާއަކުން އެމްޑީއޭ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކޯލިޝަނުން ވަކިވުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ސިފަކޮށްދެއްވައިފައެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޞާލިހް މިހެން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާ އެއް ކޯލިޝަންގައި އޮވެ އެތައް ސަނާ އެއް ކިޔުމަށްފަހު އަންނަ ހޮނިހިރު ދުވަހު ބާއްވާ ދެވަނަ ބުރަށް ކޯލިޝަން ރޫޅާލައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ނިންމުމާއި ގުޅިގެންނެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ އެކު ކުރިއަށް ދިޔުމަށް އެމްޑީއޭއިން ނިންމީ އެ ޕާޓީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ 97 ޕަސަންޓު މެންބަރުންގެ ތާއީދާއެކުގައެވެ.
އެހެންކަމުން މިކަމަށް އިޝާރަތް ކުރައްވާ އައްޑޫގެ ކެމްޕޭނު ޓީމުތަކާ ބައްދަލު ކުރައްވަމުން ރައީސް ވިދާޅުވީ އެމްޑީއޭއިން ކޯލިޝަނުން ވަކިވި ނަމަވެސް މާޔޫސް ނުވުމަށާއި އެއީ ކަންބޮޑުވާންވީ ކަމެއްވެސް ނޫން ކަމަށެވެ.
އެމްޑީއޭ އަށް ހެޔޮ ރަނގަޅު މުސްތަޤުބަލަކަށް އެދޭ ކަމަށާއި އެހެންނަމަވެސް ދަންނަވާނީ އެމްޑީޕީގެ އުންމީދުތައް ވަރަށް އުޖާލާ ކަމަށާއި އެމްޑީއޭގެ އެ ނިންމެވުން އަދި އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ފަހުން ފެނިގެންދާތަންވެސް ލަސްތަކެއްނުވެ އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ އެމްޑީއޭއިން އެ މަނިކުފާނުގެ ކޯލިޝަނުން ވަކިވުން ކުރީގެ މުހާވިރާއަކުންވެސް ސިފަކޮށްދެއްވައިފައެވެ. އެގޮތުން "އަންނަ އެއްޗެހީގެ ތެރޭގައި ކޮންމެވެސް ވަރަކަށް ދާ އެއްޗެހިވެސް ހުންނާނެ" ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.