ޚަބަރު ސިޔާސީ

މުޢިއްޒުގެ ދޮންމަމައާއި ގުޅޭ ގޮތުން ފަތުރަމުންދާ ވާހަަކަތަކަށް އަނބިކަނބަލުން ސާޖިދާ ރައްދުދެއްވައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ޔަޝާއު/ސޯޝަލް މީޑިއާ

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒުގެ ދޮންމަންމައާއި ގުޅޭގޮތުން އިދިކޮޅުން ފަތުރަމުންދާ ވާހަކަތަކަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރައްދުދެއްވައިފިއެވެ.

Ads by Hajj Corporation

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ދ. މީދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، މުޢިއްޒުގެ ދޮންމަންމައާއި ގުޅުވައިގެން މުޢިއްޒުއަށް ތުހުމަތުކުރެވޭގޮތަށް އިދިކޮޅުން ފަތުރާ ވާހަކަތަކަށް ރައްދު ނުދެއްވަނީ ޢާއިލީ ކަންކަމުގެ ވާހަކަ ދައްކަވަން މުޢިއްޒު ޤަބޫލުފުޅުނުވާތީ ކަމަށާއި، ނަމަވެސް މިހާރު އެ ވާހަކަ ނުދައްކައި ވާން ނެތްކަމަށެވެ.

"އެކަމަކު އަޅުގަނޑަށް ހީވަނީ މިއަދު އަޅުގަނޑަށް މަޖުބޫރު މިތަނުގަ އަޅުގަނޑުގެ ފިރިމީހާގެ ދިފާޢުގަ މިވާހަކަ ދައްކަން" ސާޖިދާ ވިދާޅުވިއެވެ.

މުޢިއްޒުގެ ދޮން މަންމައާއި ބައްޕަ ކައިވެނި ބައްލަވައިގަތީ މުޢިއްޒުއާއި ސާޖިދާގެ ކައިވެންޏަށްފަހުގައި ކަމަށާއި މުޢިއްޒުގެ ބައްޕައާއި ކައިވެނި ބައްލަވައިގެން ދޮން މަންމަ އެގެއަށް ވަޑައިގެން އުޅުއްވުމުގެ ތެރޭގައި ދިމާވި ކަންކަމުގަ ވާހަކަދައްކަވަން ބޭނުންފުޅު ނުވިނަމަވެސް، ބައްޕަ ނިޔާވެގެން ދިޔަ އިރުގައި މާލޭގައި އެބޭފުޅާ ހުންނެވިއިރު ފެމިލީ ކޯޓުން ނިންމަންޖެހޭ ހުރިހާ ކަމެއް ނިންމުމުގައި އެހީތެރިވެދެއްވީ މުޢިއްޒުކަމަށް ސާޖިދާ ފާހަގަކުރެއްވިއެވެ.

"ބައްޕަ ނިޔާވެގެން ދިޔައިރުގައި މާލޭގައި އެބޭފުޅާ ހުންނެވިއިރުގައި އެބޭފުޅާގެ ހުރިހާ މައްސަލައެއް ނިންމައި ފެމިލީ ކޯޓުން އެބޭފުޅާއަށް ދޭންޖެހޭ އެއްޗެހި، އެބޭފުޅާ އެދުނީ އެންމެ ގޮތަކަށް، އެދުނީ ލަންކާގައި ހުރި ހުރިހާ އެއްޗެއް، އަދި ބޭންކް އޮފް ސިލޯނުގައި ހުރި ހުރިހާ ލާރިއެއް ތިމަންނައަށް ދޭށޭ،...ހަޤީޤަތުގައި.... 8 ބައި ކުޅަ އެއްބައި ކަންނޭނގޭ އިސްލާމްދީނުގައި އެފަދަ މީހަކަށް ވާރުތަވެގެންދާނީ، އެއީ ދަރިއަކުވެސް ނެތް މީހެއް، އެއީ އަންހެނަކަށްވީމަ. އެހެންނަމަވެސް މުޢިއްޒު އެބޭފުޅާއަށް އެބޭފުޅާ ވިދާޅުވިގޮތަށް ވިދާޅުވި އެއްޗެއް ދެއްވާފައި މައްސަލަ ކޯޓުން ނިންމީ. މައްސަލަ މިހާރުވެސް ކޯޓުގައި އޮންނާނެ، ބައްލަވާލެއްވީމަ ފެންނާނެ" ސާޖިދާ ވިދާޅުވިއެވެ.

ނަމަވެސް އެފަދަ މައްސަލަތައް ކޯޓުންވެސް ހާމަކުރައްވާނެހެން ހީފުޅުނުވާކަމަށާއި އެ މައްސަލައާއި ގުޅޭ މަޢުލޫމާތު ހާމަކުރައްވަން މުޢިއްޒު ބޭނުންފުޅުނުވަނީ އޭގައި ޢާއިލީ އެހެނިހެން ކަންކަން ހުރުމުންކަމަށް ސާޖިދާ ފާހަގަކުރެއްވިއެވެ.

"އެގޮތުން، އިނގޭތޯ، ކެންޑީގައި ހުންނާނެ ގެސްޓު ހައުސްއެއް ބައްޕަގެ، ކޮލަމްބޯގައި ހުންނާނެ ގެސްޓު ހައުސްއެއް. އަދި އޭގެ އިތުރުން، ބައްޕަ ގަނޑުވަރެއްގެ ގޮތަށް ކޮލަމްބޯގައި ހަދާފައި ހުރި ގެއެއް ހުންނާނެ، އަދި އެކޮޅަށް ބައްޕަ ނިޔާވެގެން އެކޮޅަށް ވަޑައިގަތުމުން މުއިއްޒުއަށް އެދުނީމަ 8 ލައްކަ ރުފިޔާ ޚަރަދުކޮށްފައި އެގޭގެ ޓެރަސްގައި އިތުރު ކޮޓަރިއަކާއި އެއްޗެހި ހަދާދެއްވީ މުޢިއްޒުގެ ދެއަތުން، މުޢިއްޒުގެ އަމިއްލަ ލާރިން އިނގޭތޯ" ސާޖިދާ ވިދާޅުވިއެވެ.

އެހެންވީމާ އެފަދަ ދޮގު ވާހަކަތައް މުޢިއްޒުއާއި ދޭތެރޭ ފަތުރަމުންދާކަމަށާއި ސާޖިދާއަށް އަޑުއިވިވަޑައިގެންނެވި ގޮތުގައި އެފަދަ ވާހަކަތައް ދޮންމަންމަ ދައްކަވަނީ އިދިކޮޅުން ފައިސާ ދީގެންނެވެ.

"މިފަދަ ވާހަކައެއް އެބޭފުޅުން ހޯދައި މިފަދަ ކަމެއް ފެތުރިއިރު، އެބޭފުޅުން އެއްފަރާތުން ގެނެއްސަ މުޢިއްޒުއަށް އެބަ ހުއްޓޭ ބީއެމްއެލްގެ ހުރިހ ހުރިހާ ލާރިއެއް ދީފަ. ބުނިއިރު ލަންކާގެ ބޭންކގައި ހުރި ލާރި ލިބުނީ ކާކަށްކަމެއްވެސް ހާމަކޮށްނުލާ. އެހެންވީމާ މީކީ އަސްލު ނޫސްވެރިކަމެއް ނޫން އިނގޭތޯ؟ މީ ހަމަ ކަނޑައެޅިގެން މީހުންގެ އަބުރު ކަތިލުމަށްޓަކައި ކުރާ ކަންތައްތައް" ސާޖިދާ ވިދާޅުވިއެވެ.

އަދި ދިވެހިރާއްޖޭގެ ބަންޑާރަ ބިމަކުން ހުވަފަތްވާ ރާއްޖެއިން ބޭރުގެ އަންހެނުންނަށް ވާރުތަކުރާނަމަ އެ ބިންވެސް ހިފައިގެން ދޮންމަންމަ ދާނެކަމަށް ފާހަގަކުރަމުން ސާޖިދާ ވަނީ މުޢިއްޒުގެ ދޮންމަންމައަށްޓަކައި މުޢިއްޒު ދޫކުރެއްވި އެއްވެސް ކަމެއްގެ ވާހަކަ އެއްވެސް ބަޔަކު ނުދައްކަވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އެހެންވީމާ މިދެންނެވީ މުޢިއްޒުގެ ޙައްޤެއް، މުޢިއްޒުގެ އެއްޗެއް ދޫކޮށްލީ. ބައްޕަގެ އަނބިމީހާކަމަށް ވާތީ، ބައްޕަ މަރުވިއިރު ހުރި އަނބިމީހާކަމަށްވީތީވެ، ދޫކޮށްލި އެއްވެސް ވާހަކައެއް އެއްވެސް ބޭފުޅަކު ވިދާޅެއް ނުވޭ، މިކިޔަނީ މުއިއްޒު އޭނާ ބަންދުކޮށްފިޔޭ، ވިސާ ކެންސަލް ކޮށްފިޔޭ" ސާޖިދާ ވިދާޅުވިއެވެ.

އެހެންނަމަވެސް ދޮންމަންމަ އަށް ވަޑައިނުގެންނެވުނީ އެބޭފުޅާގެ ވިސާ ކެންސަލް ވީމައި ކަމަށާއި އެންމެ ފުރަތަމަ އެކަން ދިމާވިއިރު ހުވަފަތްވާ ރާއްޖެއިން ބޭރުގެ މީހުންގެ ވިސާ ވަކި މުއްދަތެއްގެ ތެރޭގައި ކެންސަލްވާކަމެއް ސާޖިދާއަށްވެސް އޭރު އެނގިވަޑައިނުގަންނަވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެހެންކަމުން ކޯޓުގައި އޮތް މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރާއްޖޭގައި އެބޭފުޅާ 3 ނުވަތަ 4 މަސް ވަންދެން އުޅުއްވި ކަމަށް ސާޖިދާ ފާހަގަކުރެއްވިއެވެ.

"އެއާޕޯޓަށް ދިޔަ ފަހުން މި އެނގުނީ އަސްލު މިހުރެވުނީ ޤަވާއިދާއި ޚިލާފަށްކަން، އެއީ ވަކި މުއްދަތެއްގެ ތެރޭގައި ހަޤީޤަތުގައި ވިސާ އޮޓޮމެޓިކަލީ ކެންސަލް ވަނީކަން، އެއީ ހަޤީޤަތުގައި އަޅުގަނޑަށްވެސް ނޭނގޭ މަޢުލޫމާތެއްވެސް. އެންމެ ފަހުން މުޢިއްޒު މެދުވެރިވެގެން އެ ރަނގަޅު ގޮތުގައި ނިކުންނަން ފުރުޞަތު ލިބުނީވެސް" ސާޖިދާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!