ރައީސް ޔާމީން މިނިވަންކުރެއްވުމަކީ ޤައުމީ މަސްލަޙަތައްޓަކައި އެންމެ ރަނގަޅު ގޮތް: މުޢިއްޒު

ރައީސް ޔާމީން މިނިވަންކުރެއްވުމަކީ ޤައުމީ މަސްލަޙަތައްޓަކައި މިވަގުތު އޮތް އެންމެ ރަނގަޅު ގޮތްކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީއާއި ގުޅިގެން އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަށް ވަރަށް އިޚްލާސްތެރިކަމާއި އަދަބުވެރިކަމާއި އެކީގައި ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް"
"އެމަނިކުފާނު ގެއަށް ބަދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނީ ގޮތުން ކުރެއްވެވޭނެކަމެއް. އެކަން ކުރެއްވުމަކީ މިއަދު މިޤައުމުގެ މަސްލަޙަތަށްޓަކައި އެންމެ ރަނގަޅުގޮތް ކަމުގައި އަޅުގަނޑު ދަންނަވާލަން"
ޑރ. މުއިއްޒު ވަނީ މި ދަނޑިވަޅުގައި ޤައުމުގެ ރައްޔިތުން އެކަތިގަނޑަކަށް ވާންޖެހޭކަމަށާއި، ކޮންމެ މީހެއްގެ މަސްލަޙަތަށްވުރެ ޤައުމުގެ މަސްލަޙަތު އިސްކުރުމަށް ގޮވާލައްވާފައެވެ.
"މިވަގުތަކީ އަޅުގަނޑުމެން އެންމެން އެކަތި ގަނޑަކަށްވާންޖެހޭ ވަގުތު، އަޅުގަނޑުމެންގެ ޤައުމުގެ މަސްލަޙަތު އަޅުގަނޑުމެން ކޮންމެ މީހަކަށްވުރެ މާ ބޮޑު، އަޅުގަނޑުމެންނަކީ ސުލްޙަވެރި ބަޔަކަށް ވާންޖެހޭނެ، އަޅުގަނޑުމެންގެ ޤައުމަށް ހަމަޖެހުން ގެންނަން އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް މަސްލަޙަތަށްވުރެ އެ މަސްލަޙަތު އިސްކުރައްވަންވާނެ" ޑރ. މުއިއްޒު އިލްތިމާސްކުރެއްވިއެވެ.
އާޓިފިޝަލް ބީޗުގައި މާދަމާ އުފާފާޅުކުރުމުގެ ހަފްލާއެއް ބާއްވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙުއާއި ވާދަކުރައްވައި ޑރ. މުޢިއްޒު ކުރި ހޯއްދަވާފައިވަނީ 126,265 ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޞާލިޙުއަށް މި އިންތިޚާބުގައި ލިބިވަޑައިގަތީ 105,158 ވޯޓެވެ.
ޑރ. މުއިއްޒުއަށް ލިބިވަޑައިގެންނެވި ކާމިޔާބީއާ ގުޅިގެން ރައީސް ޞާލިޙް ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައި އިންތިޚާބުގެ ދުވަސްވަރު ދެއްކެވި ޑިމޮކްރަޓިކް ރީތި ނަމޫނާއަށް ޝުކުރުދަންނަވައި ޓްވީޓު ކުރައްވާފައެވެ.







ކޮމެންޓް