ޚަބަރު ސިޔާސީ

ތަރައްޤީގެ ދުވެލި ދެމެހެއްޓުމަށް، ތަޢުލީމީ މުއައްސަސާތަކުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ: ރައީސް ޞާލިޙް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބައިނަލްއަޤުވާމީ ތަރައްޤީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކާ ދިމާއަށްކަމަށާ ދުނިޔެއަށް އަންނަ އިޤްތިޞާދީ، އިޖްތިމާޢީ ބަދަލުތަކާ އެއް ހަމައެއްގައި ތަރައްޤީގެ ދުވެލި ދެމެހެއްޓުމަށް، ތަޢުލީމީ މުއައްސަސާތަކުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް ޞާލިހް މިހެން ވިދާޅުވީ 2023 ވަނަ އަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ހިތާބުގައެވެެ.

އެމަނިކުފާނުގެ ޚިޠާބުގައި، ވިދާޅުވީ ޤައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ މިންނެތް މަސައްކަތާ އެކުކަމަށާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ޓީޗަރުން ކަމަށެވެ. ފާހަގަކުރައްވައި ޓީޗަރުންގެ އެ މުހިންމު ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރަން ޖެހޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ޒަމާނީ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ލުއިފަސޭހަތަކަށް ޓީޗަރުން އަހުލުވެރިކުރުމަކީ، ޤައުމީ ތަރައްޤީއަށްޓަކައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަންތައް ކަމަށާއި އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި ޓީޗަރުން ސާބިތުވެ ތިބުމާއެކު، އެކަމުގައި ރިވެތި ނަމޫނާ ދެއްކުމަކީ، ރާއްޖޭގެ އިޖްތިމާޢީ ފޭރާން ހެޔޮކުރުމަށްޓަކައި ކުރެވޭނެ މުހިންމު ކަމެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ދިވެހިންގެ ދީނީ ޢަޤީދާ އާއި ދިވެހިންގެ ސަގާފީ އަދި އަދަބީ ތަރިކައިގެ މުއްސަނދިކަމަށް ރިޢާޔަތްކޮށް، ޅަ ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި މިއަހަރުގެ ދުނިޔޭގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުގައި މަސައްކަތް ކުރައްވާ އެންމެހައި ޓީޗަރުންނަށާއި ލެކްޗަރާއިންނާއި އެބޭފުޅުންގެ ޢާއިލާތަކަށް، ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!