އެކްސިޑެންޓުގައި އަނިޔާވި ކުރީގެ މިނިސްޓަރ އަމީންގެ ބައްޕަ ނިޔާވެއްޖެ

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލެ ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްޑިޑެންޓެއްގައި ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީންގެ ބައްޕަ، އަޙްމަދު މަނިކު ނިޔާވެއްޖެއެވެ.
އުމުރުން 74 އަހަރުގެ އަޙްމަދު މަނިކު ނިޔާވީ އެކްސިޑެންޓައްފަހު ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އެކްސިޑެންޓައްފަހު އޭނާގެ ހޭނާރާކަމަށާއި ސިކުނޑިއަށް ވަރަށް ބޮޑަށް ލޭ އެޅިފައިހުރުމުގެ ސަބަބުން ޑޮކްޓަރުން ވަނީ އުންމީދު ކަނޑާލާފައިކަމަށް މަޢުލޫމާތުލިބިފައިވެއެވެ.
އެކްސިޑެންޓު ހިނގި ވަގުތު އެ ސަރަޙައްދުގައި ހުރި މީހަކު ބުނި ގޮތުގައި އެ ހާދިސާ ހިނގީ އަޙްމަދު މަނިކު ދުއްވަން އިން ސައިކަލުގެ ފަހަތުން އައި ކާރެއް، އެ ސައިކަލުގައި ޖެހިގެންނެވެ.
މި އެކްސިޑެންޓް ހިނގައިފައިވަނީ ހުކުރު ދުވަހުގެ ރޭ 7:50 ހާއިރު ބޭރުމަގު އޮކްސިޖަން އަދި ޗީބޯ ރެސްޓޯރެންޓް ކުރިމަތީގައެވެ.
އަޙްމަދު މަނިކަކީ އަމީންގެ އިތުރުން ޖަޕާންގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު އަދި މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަމީތުގެ ވެސް ބައްޕައެެވެ. އޭނާގެ އިތުރު ދެ ކުދިންނާއި އަނބިކަނބަލަކު ހުންނަވައެވެ.
އަޙްމަދު މަނިކުގެ ކަށުނަމާދު އޮތީ މިއަދު އަޞްރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.