ޚަބަރު

އިންތިޚާބީ ރައީސްގެ އޮފީސް ހިނގަމުންދާނީ، ސްޓެލްކޯގެ ފަސް ވަނަ ފަންގިފިލާގައި ކަމަށް ހަމަޖައްސަވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒުގެ އޮފީސް ހިނގަމުންދާނީ، ސްޓެލްކޯގެ ފަސް ވަނަ ފަންގިފިލާގައި ކަމަށް ހަމަޖައްސަވައިފިއެވެ.

Ads by Sosun Fihaara

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމަށްޓަކައި، "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" މި ނަމުގައި އިދާރާއެއް، 2023 އޮކްޓޫބަރު 5 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އުފައްދަވައިފައެވެ.

ޤާނޫނު ނަންބަރު 2010/5 (ވެރިކަން ބަދަލުވުމުގެ މަރުޙަލާއާ ބެހޭ ޤާނޫނު) ގައިވާ ގޮތުން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމަށްޓަކައި، "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" ގެ މަގާމަށް، ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސަވައިފައިވަނީ، ލ. ފޮނަދޫ، އަރާއިރު، ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމަށް ރައީސް އޮފީހުގެ ފަރާތުން ހަމަޖައްސަވައިފައިވަނީ، ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް، ޙުސައިން ޢާމިރެވެ.

ވެރިކަން ބަދަލުވުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށާއި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް މަގާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން ކުރައްވަންޖެހޭ ކަންތައްތައް، 2023 އޮކްޓޫބަރު 5ވަނަ ދުވަހު ނެރުއްވި ދެންނެވުމަކުން، ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގަވައިފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި، ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ މީހުން ޢައްޔަންކުރައްވާ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން، ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން، އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބެވުމަށް އެ ދެންނެވުމުގައި ވަނީ އަންގަވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!