ޕާސްޕޯޓު ގެއްލުމުން ނަގާ ޖޫރިމަނާ 2،000 ރުފިޔާއަށް ކުޑަކޮށްފި

ޕާސްޕޯޓު ގެއްލުމުން، އަލުން އާ ޕާސްޕޯޓެއް ހައްދަން ނަގާ ޖޫރިމަނާ 2،000 ރުފިޔާއަށް ވުރެ ބޮޑުނުވާ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދު އިސްލާހުކޮށްފިއެވެ.
މީގެ ކުރިން ޕާސްޕޯޓު ގެއްލިގެން އަލުން ހަދަން ޖެހޭނަމަ 5،000 ރުފިޔާ އާއި 20،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެ އެވެ.
ނަމަވެސް މިއަދު ގެނައި އިސްލާހާއެކު ގެއްލިގެން ޕާސްޕޯޓް ހަދަންޖެހޭ ހާލަތުގައި 2،000 ރުފިޔާއަށް ވުރެ ބޮޑު ނުވާނެހެން ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ގަވައިދަށް ބަދަލު ގެނެސްފައެވެ.
މީގެ އިތުރުން ގެއްލުނު ޕާސްޕޯޓު އޮތީ މުއްދަތު ހަމަވެފައި ކަމަށްވާނަމަ އެއްވެސް ޖޫރިމަނާއެއް ނުނަގާނެ ކަމަށްވެސް މިއަދު ގެނައި އިސްލާހުގައި ބުނެފައި ވެއެވެ.
ހަމަ އެހެންމެ ކުޑަކުދިންނާއި ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ސިކުނޑީގެ އުނިކަމެއް ހުންނަ މީހުންގެ ޕާސްޕޯޓް ބެލެހެއްޓުމުގެ ޒިންމާ އެފަދަ މީހުންގެ ބެލެނިވެރިން ނުވަތަ ޝަރުއީ ބަލަދުވެރިން ނަގަންޖެހޭ ގޮތަށްވެސް އިސްލާހުގައި ބުނެފައި ވެއެވެ.
ޕާސްޕޯޓް ހަދަނީ ކުއްލި ހާލަތުގައި ކަމަށްވެފައި ޖޫރިމަނާ އެ ވަގުތު ދެއްކެން ނެތްނަމަ ދަތުރު ކުރުމުގެ ވަގުތީ ލިޔުމެއް ދޫކުރެވޭ ގޮތަށްވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.