ޑޮލަރު ގަނެ، ފައިސާ ނުދީ އޮތް މައްސަލައެއްގައި ލިލީގެ މައްޗައް ޙުކުމްކޮށްފި
އަމިއްލަ ކުންފުންޏެއްގެ އަތުން ޑޮލަރު ގަނެ، އެއަށްވީ ފައިސާ ނުދައްކާ އޮތުމުން، އެ ފައިސާ ދެއްކުމަށް ލިލީ އެންޓަޕްރައިސަސްގެ މައްޗައް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.
އެމްކޭޓީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ލިލީގެ މައްޗަށް ހުށަހަޅާފައިވާ މި ދަޢުވާގައި ވަނީ 3 ކަމަކަށް އެދިފައެވެ. އެއީ އެ ކުންފުނިން މިހާތަނަށް ނުދައްކާ ހުރި 650،0000 (ހަލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރަށްވާ ފައިސާ ނަގާދިނުމަށާއި އަދި އެ ފައިސާ އެމްކޭޓީއަށް ނުލިބިހުރުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 10،407،500 (ދިހަ މިލިއަން ހަތަރު ލައްކަ ހަތްހާސް ފަސްސަތޭކަ) ޑޮލަރަށްވާ ފައިސާ ނަގާދިނުމުގެ އިތުރުން ވަކީލުންގެ ފީގެ ގޮތުގައި ހަރަދު ކުރި 15،000 (ފަނަރަަ ހާސް) ދިވެހި ރުފިޔާ ނަގާދިނުމަށެވެ.
މި މުއާމަލާތަކީ 2020 ވަނަ އަހަރު ލިލީއާއި އެމްކޭޓީއާ ދެމެދު ކުރެވިފައިވާ މުއާމަލާތެކެވެ. އެ އަހަރު 3 ފަހަރެއްގެ މަތިން ޑޮލަރުގެ މުއާމަލާތް ކުރެވިފައިވާއިރު، އެއްވެސް މުއާމަލާތެއް ކުރެވިފައިވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށް ޝަރީއަތުން ވަނީ ފާހަގަކުރައްވާފައެވެ.
ޑޮލަރު ގަނެފައި އެއައްވާ ފައިސާ އަނބުރާ ނުދައްކައިފިނަމަ ލިބޭނެ ގެއްލުމުގެ ބަދަލު ދިނުމާއި ގުޅޭ އެއްވެސް އެއްބަސްވުމެއް ހެދިފައި ނެތުމުން، އެމްކޭޓީން އެދިފައިވާގޮތަށް 10،407،500 (ދިހަ މިލިއަން ހަތަރު ލައްކަ ހަތްހާސް ފަސްސަތޭކަ) ޑޮލަރަށްވާ ފައިސާ ނަގައިނުދެވޭނެކަމަށް ދަޢުވާގައި ބަޔާންކޮށްފައިވެއެވެ.
ހަމަ މިއާއެކު ވަކީލުންގެ ފީ ނަގާދިނުމުގެ އެންމެ ޢާންމު އަދި އަސާސީ ޝަރުތުކަމުގައިވާ ދެ ޙަސްމުންގެ މެދުގައި ވަކީލު ފީއަށް އެއްބަސްވެފައިވާކަން އެނގޭނެ ފަދަ އެއްބަސްވުމެއް ހެދިފައި ނެތުމުން، ވަކީލުންގެ ފީގެ ގޮތުގައި ނަގައިދިމަށް އެދިފައިވާ 15،000 (ފަނަރަަ ހާސް) ދިވެހި ރުފިޔާވެސް ނަގައިނުދިނުމަށް ޝަރީއަތުން ވަނީ ނިންމާފައެވެ.
650،0000 (ހަލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރަށްވާ ފައިސާ ދިނުމަށް ލިލީގެ މައްޗަށް ޙުކުމްކޮށްފައި މިވަނީ އެމްކޭޓީ އާއެކު 1.1 މިލިއަން ޑޮލަރުގަތުމުގެ މުއާމަލާތަކަށް ފަހު، އޭގެ ތެރެއިން 650،000 ޑޮލަރަށްވާ ފައިސާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނިން ދަޢުވާ ކުރުމުންނެވެ.
ސިވިލް ކޯޓުން ލިލީގެ މައްޗަށް ކޮށްފައިވާ ޙުކުމުގައި ވާގޮތުން 650،000 ޑޮލަރު ނަގުދު ފައިސާއިން ދިން ކަމަށް ލިލީއިން ބުނެފައިވީނަމަވެސް، އެކަން ސާބިތުކޮށްދެވިފައި ނުވާކަމަށާއި، އެހެންކަމުން އެ ފައިސާ އެމްކޭޓީއަށް ދޭންޖެހޭނެކަމަށެވެ.
މިއަދުން ފެށިގެން އެއް މަސް ދުވަސްތެރޭގައި މި ފައިސާ ދެއްކުމަށް ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ކުރި ޙުކުމުގައި ބުނެފައިވެއެވެ.