ޚަބަރު ސިޔާސީ

މާލެ ސިޓީ ތަރައްޤީކުރުމަށް ޑރ. މުއިއްޒުއަށް އަޅުގަނޑުގެ އެއްބާރުލުން ލިބޭނެ: ނަރީޝް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

އެމަނިކުފާނުގެ ދައުރު ނިމެންދެން، މާލެ ސިޓީ ތަރައްޤީކުރުމުގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް އެންމެ ގާތުން އެއްބާރުލުން ދެއްވާނެކަމަށް މާލެ ސިޓީ ކައުންސިލް ހިންގެވުމާއި މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި، އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

Ads by MWSC

މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނަވައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ޑ. މުއިއްޒުއަށް އަލްވަދާޢު ކިޔުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ދައުރު އަންނަ 2026 ވަނަ އަހަރުގެ މެއި މަހު ހަމަވަންދެން، މާލެ ސިޓީ ކައުންސިލަށް އިންތިޚާބުވާ މޭޔަރާއެކު، މާލެ ސިޓީ ތަރައްޤީކުރުމަށް ޑރ. މުއިއްޒުއާއެކު އެންމެ ގާތުގައި އެމަނިކުފާނަށް އެއްބާރުލުން ދެއްވުމަށް ހުންނާނެކަމަށެވެ.

ނަރީޝް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މާލެއިން ދެއްކި ނަތީޖާއަކީ، މާލެ މޭޔަރުގެ މަޤާމުގައި މުއިއްޒު ކުރެއްވި މަސައްކަތުގެ އަގު، މާލެ ރައްޔިތުން އަދާކުރުންކަމަށެވެ. އަދި އެމަނިކުފާނުގެ ޒައާމަތުގައި މާލެ ސިޓީގެ ރައްޔިތުން އެދޭފަދަ ތަރައްޤީއެއް ހޯދާދެވުނުކަމަށް ރައްޔިތުން ޤަބޫލުކުރާކަމަށެވެ.

ނަރީޝް އިތުރަށް ވިދާޅުވީ ކައުންސިލާ ޙަވާލުވެވަޑައިގެންނެވި ފަހުން ފާސްކުރެވުނު ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ 90 އިންސައްތަ ހާސިލްކުރެވިފައިވާކަމަށާއި، ނުނިމިހުރި ކަންތައްތަކަކީ އިދާރީ ގޮތުންނާއި ސަރުކާރުގެ އެއްބާރުލުން ނުލިބިގެންނާއި މާލޭގެ ލޭންޑްޔޫސްޕްލޭން ފާސްނުވުމުން ފުރިހަމަނުކުރެވި ހުރި ކަންތައްތަކެއް ކަމަށެވެ.

ނަރީޝް ވަނީ މިދިޔަ 2 އަހަރު ދުވަސްތެރޭގައި އެ ކައުންސިލަށް ދިމާވި ދަތިތަކާއި ގޮންޖެހުންތައް، މުއީޒްގެ ސަރުކާރުގައި އެއްކޮށް ނެތިގޮސްފައިވާ އުނދަގޫތަކެއް ކަމަށް ހައްދަވައި ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!