ޚަބަރު އިޖުތިމާޢީ ސިޔާސީ

މުޖުތަމަޢުގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް ނަފްސާނީ ދުޅަހެޔޮ ކަމަށް އެއްބާރުލުން ދޭން ޖެހޭ: މެޑަމް ފަޒްނާ

ޙައްވާ އިނާޝާ ، ދެން އޮންލައިން

މުޖުތަމަޢުގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް ނަފްސާނީ ދުޅަހެޔޮކަމަށް އެއްބާރުލުން ދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މެޑަމް ފަޒްނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ވިލާ ނޯޓިކާގައި ބޭއްވި އޮއިވަރު މެންޓަލް ހެލްތް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މި ކޮންފަރެންސް ފެށުމުގެގޮތުން، މެޑަމް ފަޒްނާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން ޤަބޫލުކުރުމަކީ، ހުޅުވާލެވިފައިވާ މަޝްވަރާތަކަށް މަގުފަހިކޮށްދޭ ކަމެއް ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދޭ ފަރާތްތަކާއި، ޞިއްޙީ ޚިދުމަތްތެރިންނާއި، އަމިއްލަ ފަރުދުން ވެސް ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމަށް މުޖުތަމަޢުއަށް ބާރުއެޅޭނެ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ހަމަ އެހެންމެ މި ކޮންފަރެންސްގެ ޝިއާރުގެ މައްޗަށް އަލިއަޅުއްވައިލައްވައި އެކަމަނާ ވިދާޅުވީ "ޗޭންޖިންގ ކަރަންޓްސް: ފޯމިންގ ކަނެކްޝަންސް" އަކީ އަބަދުވެސް ބަދަލުވަމުންދާ ދުނިޔޭގައި ވަރަށް މުހިންމު ޝިއާރެއް ކަމަށެވެ.

ފަޒްނާ ވިދާޅުވީ ހުރިހާ ބަދަލެއް ކޮންޓްރޯލް ނުކުރެވޭ އިރު، ސިޔާސީ ވިސްނުމާއި ޑޭޓާ ލިބުމާއި ކެޕޭސިޓީ އާއި ގުޅިގެން ނުފޫޒު ފޯރުވާ، އަޅުގަނޑުމެންގެ ޖަވާބުތައް ބައްޓަން ކުރެވިދާނެ ކަމަށެވެ.

މިއަދުގެ ކޮންފަރެންސްގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.

މިގޮތުން އެކަމަނާ ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ސިޔާސީ ވިސްނުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ޤައުމީ މަރުކަޒު އުފެދިފައިވާކަމަށެވެ.

އެހެންކަމުން މިކަމުގެ ސަބަބުން އިން ޕޭޝަންޓް ސައިކޭޓްރީގެ ޚިދުމަތްފުޅާވެ، ތެރަޕިއުޓިކް ޚިދުމަތްތަކަށް އާސަންދަ ކަވަރޭޖް އިތުރުކުރުމާއި، ދުޅަހެޔޮ ދިރިއުޅުމެއްގެ ތެރެއިން ފިޒިކަލް ފިޓްނަސް އާއި ކުޅިވަރު ކުރިއެރުވުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ޖީއޭޕީ ތަމްރީނު އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތައް ފޯރުކޮށްދިނުމާއި، މާލެ ސަރަހައްދުން ބޭރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ފުޅާކުރުން ހިމެނޭކަމުގައެވެ.

މީގެ އިތުރުން މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ފަޒްނާ ވަނީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން މިހާރު ލިބެން ހުރި ތަފާސް ހިސާބުތަކަކީ ނިސްބަތުން މަދު އަދި ގިނަ ދުވަސްވެފައިވާ ތަފާސް ހިސާބުތަކެއް ކަމުގައި ޤަބޫލުކުރައްވާކަން ފާހަގަކުރައްވާފައެވެ.

އަދި އެކަމަނާ ވަނީ ނަފްސާނީ ބަލިތަކުން ރައްކާތެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޓަވެންޝަންތައް އެންމެ ބޭނުންވާނެ ޙާލަތާއި އެ ވަގުތުތައް ދެނެގަތުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ފަހުގެ ތަފާސް ހިސާބުތައް ބޭނުންވާކަން ފާހަގަކުރައްވައިފައެވެ.

މެޑަމް ފަޒްނާ ދެއްކެވި ވާހަކަފުޅުގައި، ނަފްސާނީ ދުޅަހެޔޮ ކަމަށް އެހީތެރިވުމުގެ ޤާބިލުކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން އަވަހަށް ދެނެގަނެ، ބަލިން ރައްކާތެރިވެ، ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ހޯދުމުގެ ޤާބިލުކަން އިތުރުކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

މުޖުތަމަޢުގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް ނަފްސާނީ ދުޅަހެޔޮކަމަށް އެއްބާރުލުން ދިނުމަށް ބާރުއަޅުއްވަމުން ހަމަ އެހެންމެ އެކަކު އަނެކަކުގެ ތަޖުރިބާއިން ކަންކަން ދަސްކުރުމަކީ ވަޞީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށާއި، ޑުޕްލިކޭޓްވުމުން ދުރުހެލިވުމަށް ވަރަށް މުހިންމު ކަމެއް ކަމަށް މެޑަމް ފަޒްނާ ވިދާޅުވެފައި ވެއެވެ.

ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުން ފަށާފައިވާ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "އޮއިވަރު މެންޓަލް ހެލްތް ކޮންފަރެންސް" ގެ މަޤްޞަދަކީ ނަފްސާނީ ބަލިތަކާއި އެފަދަ އެހެން ކަންކަމަށް ޙައްލެއް ހޯދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.

Ads by Allied Insurance
  1. ކުރީގަ ތިގޮތަށްކަންތައް ނުކުރީ އަދި ކަންތައް ނުބެލެހެއްޓިކީވެގެންބަ