ޚަބަރު އިޖުތިމާޢީ ސަރުކާރު

ސިއްޙީ ޚިދުމަތްތަކަކަށް ބުރެއް ނާރާނެ: ސަރުކާރު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ސިއްޙީ ދާއިރާގައި ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކަށް ބުރުލެއް ނާރާނެކަމަށާއި، ސިއްޙީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައްވެސް ހުސްނުވެ ލިބެން ހުންނާނެކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by Hajj Corporation

ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާއިރު، އިންތިޚާބީ ރައީސްގެ އޮފީހުން ދަނީ ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި އެހެނިހެން މުއައްސަސާތަކާއި ބައްދަލުކުރައްވައި މަޢުލޫމާތު އެއްކުރަމުންނެވެ. އެގޮތުން ހެލްތު މިނިސްޓްރީއަށް ޒިޔާރަތްކުރުމަށްފަހު، ބައެއް ސިއްޙީ މަރުކަޒުތަކުގެ ޚިދުމަތްތައް ހުއްޓާލަން ޖެހިދާނެކަމުގެ ބިރު އޮތްކަމަށާއި އެ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ލިބުމުގައި ދަތިތަކެއް ދިމާވެދާނެކަމަށް އެ އޮފީހުން ވަނީ މަޢުލޫމާތުދީފައެވެ.

މިކަމަށް ރައްދު ދެއްވައި ރައީސް އޮފީޙުގެ ތަރުޖަމާނު މިއުވާނު މުޙައްމަދު ވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރުގައިވެސް މެދުނުކެނޑި ޚިދުމަތްތައް ދެވުނުކަމަށާއި ސިއްޙީ ދާއިރާއަށް ބޭނުންވާ އާލާތްތައް ހުއްޓުމެއްނެތި ލިބިފައިވާކަމަށް ވިދާޅުވެފައެވެ.

އަދި ހަމަ އެގޮތަށް މިހާރުވެސް ހުއްޓުމެއްނެތި ވަސީލަތްތައް ލިބޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވިގޮތުގައި ލެބޯޓަރީގައި ބޭނުންކުރާ ކެމިކަލްއާއި އެއްފަހަރު ބޭނުންކުރާ ސިރިންޖު ފަދަ ތަކެއްޗަކީ އަހަރަކު ދެފަހަރު އޯރަޑުކުރާ ތަކެތިކަމަށާއި، ނަމަވެސް މި އަހަރުގެ މިހާތަނަށް ދެވަނަ އޯޑަރު ކޮށްފައިނުވާކަމަށެވެ. އަދި މިހާރު ބޭނުންކުރަމުންދަނީ އިމަޖެންސީ ސްޓޮކްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވަނީ މިގޮތަށް ހާލަތު ދެމިގެން ގޮސްފިނަމަ ނޮވެންބަރު މަހުގެ ނިޔަލަށް ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުގެ ޚިދުމަތްތައް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާކަމެއްކަމަށް ވިދާޅުވެފައެވެ.

އިންތިޚާބީ ރައީސްގެ އޮފީހުންގެ މި ވާހަކަތަކަށް ރައްދުދެއްވަމުން މިއުވާން ވަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް، "ލިބުނު މަޢުލޫމާތުގެ އެއްބައި ބޭނުންކޮށްގެން" ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!