ޚަބަރު އިޖުތިމާޢީ

ރަސްމީކޮށް މައްސަލަ ހުށަހަޅައިފިނަމަ މައްސަލަ ބަލާނަން: ޓްރީޓޮޕް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ޓްރީޓޮޕް ހޮސްޕިޓަލުގެ އިހުމާލަކުން މީހަކު މަރުވެފައިވާކަމަށް ބުނެ އެ ހޮސްޕިޓަލާއި ދެކޮޅަށް ބަޔަކު މުޒާހަރާކުރަމުންދާތީ، އެ މައްސަލަ ރަސްމީކޮށް ހުށަހަޅާފިނަމަ މައްސަލަ ބަލާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

Ads by Hajj Corporation

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލު ކުރިމަތީގައި އެތައް ބަޔަކު އަންނަނީ މުޒާހަރާކުރަމުންނެވެ.

އަދި އެ ހޮސްޕިޓަލުން އިހުމާލުވެފައިވާކަމަށް ބުނެ އިތުރު އާއިލާތަކުންވެސް އަންނަނީ މުޒާހަރާގައި ބައިވެރިވަމުންނެވެ.

އެ އާއިލާތަކުން ބުނާގޮތުގައި ހޮސްޕިޓަލުގެ އިހުމާލުން އެތައް ބަޔަކު ވަނީ މަރުވެފައެވެ. އަދި މިކަމާއި ގުޅޭގޮތުން ހޮސްޕިޓަލުން ބަހެއް ބުނަން ބޭނުންނުވާކަމަށާއި އަޅާނުލާކަމަށްވެސް އެމީހުން ބުނެފައިވެއެވެ.

މި މުޒާހަރާތަކާއި ގުޅިގެން ޓްރީޓޮޕުން ވަނީ ހޮސްޕިޓަލުގެ ޚިދުމަތްތަކާއި ގުޅޭގޮތުން ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއް އޮތްނަމަ ހޮސްޕިޓަލުގެ ރަސްމީ މުޢާމަލާތީ ނިޒާމުން ކުރިއަށް ގެންދިއުމަށް ބުނެ ބަޔާނެއް ނެރެފައެވެ.

މިބަޔާނުގައި އެ ހޮސްޕިޓަލަށް ރަސްމީކޮށް ހުށަހެޅޭ ކޮންމެ ޝަކުވާއަކާއި ކަންބޮޑުވުމެއް، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު، ވީ އެންމެ އަވަސް މުއްދަތެއްގައި ތަހުގީގުކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެ ހޮސްޕިޓަލަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް [email protected] އަށް އީމެއިލް ކުރުމަށް ވެސް ވަނީ އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!