ޚަބަރު

މަކުނުދޫ ސައިޓެއްގައި ގޭސްފުޅި ގޮވައި މަރުވި މީހުންގެ ހަށިގަނޑުގެ ބައިތައް 200 ފޫޓެއްހާ ދުރަށް ބުރައިގެންދިޔަ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: މީޑިއާ

ހދ. މަކުނުދޫގެ ނަރުދަމާގެ މަސައްކަތް ކުރަމުންދިޔަ ސައިޓެއްގައި އެއްޗެއް ގޮވައިގެން މަރުވި 2 މީހުންގެ ހަށިގަނޑުގެ ބައިތައް އެ ސައިޓު ކައިރިން ފެނިފައިވާކަމަށް މަޢުލޫމާތުލިބިއްޖެއެވެ.

Ads by MWSC

މި ހާދިސާގައި ގޮވާފައިވަނީ އެ ރަށު ބަނދަރުމަތީގައި ހުންނަ މަސްމާރުކޭޓު ކައިރީގައި އޮތް ގޭސް ފުޅިއެއްކަމަށް ފުލުހުން ބެލި ބެލުމުން އެނގިފައިވާކަމަށާއި އަދި މަރުވެފައިވަނީ ދެ ބިދޭސީ ފިރިހެނުންކަން ފުލުހުންވަނީ ޔަޤީންކޮށްދީފައެވެ. އެ ދެ މުވައްޒަފުންނަކީ މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ މުވައްޒަފުންކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވާފައިވެއެވެ.

މި ހާދިސާ ހިނގިވަގުތު މަންޒަރު ދުށް ބައެއް މީހުންނާއި އަދި ހާދިސާ ހިނގިފަހުން އެ ސައިޓު ކަރިއިށް ދިޔަ މީހުންނާއި ޙަވާލާދީ އޮންލައިން ނޫސްތަކުން ރިޕޯޓުކުރާގޮތުގައި ގޭސްފުޅި ގޮވުމުގެ ސަބަބުން މަރުވި ދެމީހުންގެ ހަށިގަނޑުގެ ބައިތައް 200 ފޫތަށްވުރެ ދުރަށް ބުރައިގެންގޮސްފައިވެއެވެ.

މިއަދު ހަވީރު ހިނގި މި ހާދިސާގައި ގޭސްފުޅި ގޮވާފައިވަނީ ވަރަށް ބާރަށްކަމަށާއި އޭގެ ސަބަބުން އެ ރަށުގެ ބަނދަރު ކައިރީގައި ހުންނަ ކެފޭއެއްވެސް ފޫއަޅުވާލާފައި ދަނގަނޑުގަޑެއް އެ ތަނުގެ ތެރެއަށްވެސް ވަދެފައިވާކަމަށް އޮންލައިން ނޫހަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި މުޅި ސަރަހައްދަށާއި މުޅި ރަށަށް އެކަމުގެ ސަބަބުން ލޮޅުން އަރާފައިވާއިރު، ރަށުތެރޭގައި ހުންނަ ގެއެއްގެ ދޮރު މައްޗަށްވެސް މީހެއްގެ ހަށިގަނޑުގެ ބައެއް ވިއްސައިގެން ގޮސްފައިވާކަމަށް "ދައުރު" ނޫހުގައި ބުނެފައިވެއެވެ.

"ގުނަވަންތަކާއި ސިލިންޑަރުގެ ބައިތައް ރަށުތެރެއަށް އައިސްފައި ހުރި ގޮތުން އަހަރެމެންނަށް ލަފާކުރެވެނީ، ގޮވުމާ އެކު ވަރަށް މަތިމަތިން އެ އެއްޗެހިތައް ބުރައިގެން އައިސްފައި ހުރީކަމަށް" އެރަށު މީހަކާ ޙަވާލާދީ ދައުރު ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުންވެސް، އެ ސަރަހައްދާ ވަރަށް ދުރަށް މީހެއްގެ ކަށިކޮޅާއި މަސްކޮޅެއް ވިއްސައިގެން ގޮސްފައިވާކަމަށާއި އެ ރަށު މަސްމާރުކޭޓްގެ ބޭރު ފާރުގައި ބުރައިގެން ގޮސްފައިވާ ލޭ ވަރަށް ގިނައިން ހުރިކަމަށްވެސް މަޢުލޫމާތުލިބެއެވެ. އެ ބާރުގަދަ ގޮވުމާއެކު މަސް މާރުކޭޓުގެ ހުރިހާ ބިއްލޫރިއެއް ތަޅައިގެން ގޮސްފައިވާއިރު މާރުކޭޓްގެ ސީލިންގުގެ ބައެއް ވެސް ވަނީ ވެއްޓިފައެވެ.

"ބުރައިގެން ގޮސްފައިވާ އިންސާނުންގެ ހަށިގަނޑުގެ އެތައް ސަތޭކަ އެތިކޮޅެއް މިހާރު ވެސް ފެނިއްޖެ. އެކެއްގެ ހަށިގަނޑުން ހަމަ ކުދިކުދި އެތިއެތިކޮޅު ފެންނަނީ. އިނގިއްޔެއްގެ ބުރިއަކަށް ވުރެ ވެސް ކުދިކުދި އެތިކޮޅުކޮޅު. އަނެއް މީހާގެ ހަށިގަނޑުން ތަންކޮޅެއް ބޮޑު އެތިކޮޅެއް އެބައިން.... ގޮވި ސަރަހައްދުގެ ފަސް ސަތޭކަ ރޭޑިއަސް ދުރަށް ވެސް އެބަހުރި ހަށިގަނޑުގެ ބައިތައް ބުރައިގެން ގޮސްފައި" އެ ރަށު މީހަކާ ޙަވާލާދީ "ސަންއޮންލައިން" ގައި ރިޕޯޓުކޮށްފައިވެއެވެ.

މި ހާދިސާގައި ތަޙްޤީގުގައި ފުލުހުންގެ ޚިދުމަތާއެކު އެމްއެންޑީއެފުން ވެސް ބައިވެރިވަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވެއެވެ. އަދި މިކަމުގެ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާކުރާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!