ޚަބަރު އިޖުތިމާޢީ

މިދިޔަ މަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 23 މައްސަލައެއް ހުށަހެޅިފައިވޭ: ޖެންޑާ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ފާއިތުވި ސެޕްޓެންބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 23 މައްސަލައެއް ހުށަހަޅާފައިވާކަމަށް މިނިސްޓްރީ އޮފް ޖެންޑާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާގެ 92 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 23 މައްސަލަ އަކީ ޖިންސީ އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. އަދި 20 މައްސަލަ އަކީ އިހުމާލުގެ މައްސަލަތަކެވެ.

މީގެ އިތުރުން، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 16 މައްސަލަ ހުށަހަޅާފައިވާއިރު، ޖިސްމާނީ އަނިޔާގެ 15 މައްސަލަ އަދި ނަފްސާނީ އަނިޔާގެ 3 މައްސަލަ ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާފައިވެއެވެ.

ނަފްސާނީ އަނިޔާގެ ތެރޭގައި ހިމެނޭ އަނގަ ބަހުން ކުރެވޭ އަނިޔާގެ 10 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 6 މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާ ކުރުމުގެ 4 މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލަ ހުށަހަޅާފައިވާކަމަށް މިނިސްޓްރީން ނެރުނު ރިޕޯޓުގައިވެއެވެ.

އެކި ސަބަބުތަކާއި ގުޅިގެން ދައުލަތަށް ނަގާފައިވާ ކުދިންގެ އަދަދަށް ބަލާއިރު، މިދިޔަ މަހު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 164 ކުދިންނެވެ. އެއީ 71 އަންހެން ކުދިންނާއި 93 ފިރިހެން ކުދިންނެވެ. ސެޕްޓެންބަރު މަހު އެއްކުއްޖަކު ދައުލަތަށް ނަގާފައިވާއިރު 4 ކުއްޖަކު ވަނީ އާއިލާއާ އަނބުރާ ޙަވާލުކޮށްފައެވެ. އަދި އެއް ކުއްޖަކުވަނީ ފޯސްޓާކުރުމަށް ދޫކުރެވިފައެވެ.

ޖެންޑާ މިނިސްޓްރީން އާންމުކުރާ ތަފާތުހިސާބުތަކުން އަބަދުވެސް ފެނިގެން ދަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާކުރާ އަދަދު އިތުރުވަމުންދާ މަންޒަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!