ސަރުކާރުގެ އޮފީސްތަކުގެ އާ ޕޭ ފްރޭމްވޯކްގެ ދަށުން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ ހާޒިރީ އެލަވަންސް ލިބޭގޮތަށް ހަމަޖައްސައިދިނީ ޝިފްޓް ޑިއުޓީ އަދާކުރާ މުވައްޒަފުންނަށް އެކަނިކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.
ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ ހާޒިރީ އެލަވަންސް ލިބޭގޮތަށް ދައުލަތުގެ އާ ޕޭ ފްރޭމްވޯކްއަށް ފިނޭންސް މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ވަނީ އިސްލާޙެއް ގެނެސްފައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ދައުލަތުން ތައާރަފްކުރި އާ ޕޭ ފްރޭމްވޯކަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ވަޒީފާއާ ބެހޭ ޤާނޫނުގައި ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ހިމެނެނީ 11 ދުވަހެވެ. އެއީ ހުކުރު ދުވަސް ހިމަނައިގެންނެވެ. މި ޤާނޫނުގައި އޮންނަ ގޮތުން ސިވިލް ސާވަންޓުން ސަރުކާރު ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތައް ނުކުތަސް ހާޒިރީ އެލަވަންސްއެއް ނުލިބެއެވެ.
ޕޭ ފްރޭމްވޯކަށް ގެނައި މި އިސްލާޙުގެ ސަބަބުން، އެ ފްރޭމްވޯކްގެ ދަށުން ޝިފްޓު ޑިއުޓީ މަސައްކަތްކުރާ މުވައްޒަފުން ރަސްމީ ދުވަސްތަކުގެ އިތުރުން، ސަރުކާރު ބަންދު ދުވަސްތަކާއި ހުކުރު ދުވަހު މަސައްކަތްކޮށްގެން ހާޒިރިީ އެލަވަންސް ލިބޭނެއެވެ.
ހަމަ އެހެންމެ ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ހާޒިރީ އެލަވަންސް ލިބޭނީ، ވަޒީފާއާ ބެހޭ ގާނޫނުގައި ރަސްމީ މަސައްކަތުގެ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ ވަގުތުގެ ދެބައިކުޅަ އެއްބައި ވަގުތު މަސައްކަތް ކުރާ ހާލަތްތަކުގައި ކަމަށްވެސް އެ އިސްލާޙުގައި ބުނެފައިވެއެވެ.
މި އިސްލާޙުގައި ބުނެފައިވާ ގޮތުން އޮފީހަށް ހާޒިރުވުން ކަމަށް މާނަކޮށްފައި ވަނީ މުވައްޒަފުން ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވުމާއި އޮންލައިންކޮށް މަސައްކަތް ކުރަން ޖެހޭ ހާލަތެއްގައި "ސައިން-އިން" ވެގެން ހާޒިރުވުމެވެ.
މީގެ އިތުރުން އޮފީހުގެ ފަރާތުން ރަށްރަށަށާއި ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތަކަށް ވެސް ހާޒިރީ އެލަވަންސް ލިބޭނެ ކަމަށް މި އިސްލާޙުގައި ބުނެފައިވެއެވެ.