ކަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ

ހއ. އިހަވަންދޫ ކައިރީ ދަތުރުކުރަމުން ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފިރިހެނަކު ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ ދޯނު ދުއްވަން ހުރި، އަބްދުއްރަޝީދު މުޙައްމަދު، ނަމަކަށް ކިޔާ އިހަވަންދޫ މީހެކެވެ.
އެ ރަށު ކައުންސިލްގެ ރައީސްއާ ޙަވާލާދީ އޮންލައިން ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެ އެ ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބީ ދެ މީހުން ކަމަށާއި ލޯންޗުގައި ތިބީ ހަތަރު މީހުންނެވެ. އަދި ލޯންޗުގައި ތިބި ދެ މީހަކަށް ވެސް އަނިޔާވެގެން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.
އަބްދުއްރަޝީދު ނިޔާވެފައިވާކަން އެ ރަށު ސިއްހީ މަރުކަޒުން އާއިލާއަށް އަންގާފައިވާ ކަމަށާއު އަދި މިހާރު ޖަނާޒާއަށް ތައްޔާރުވަމުންދާ ކަމަށް މަޢުލޫމާތުލިބެއެވެ.


ފޮޓޯ: މީސްމީޑިއާ
މީގެ އިތުރުން ދޯނީގައި ދެން ހުރީ އަބްދުއްރަޝީދުގެ ފިރިހެން ދަރިފުޅުކަމަށާއު އޭނާގެ ހާލަތު މިހާތަނަށް ކަށަވަރުވެފައިނުވާއިރު އަބްދުއްރަޝީދުގެ ބޮލަށް އަނިޔާވެފައި ހުރިކަމަށް އެ ރަށު ކައުންސިލްގެ ރައީސް ވިދާޅުވެފައިވެއެވެ.
މި ނުރައްކާތެރި އެކްސިޑެންޓުގައި ލޯންޗަށާއި ދޯންޏަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިރު، އެ ލޯންޗަކީ ހދ. ނެއްލައިދުއަށް ނިސްބަތްވާ ލޯންޗެކެވެ. އަދި އެއީ އެއީ ސޫފިލަނޑާ ނަގަން އާންމުކޮށް ބޭނުންކުރާ އުޅަނދެއް ކަމަށްވެއެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން އިހަވަންދޫ ކައިރީ އޮންނަ ހުވަހަންދޫ ކައިރިން ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓުވެފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް މިރޭ ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް، ހާދިސާއާ ބެހޭ ތަފްޞީލެއް ހާމަކޮށްފައިނުވެއެވެ.