ޚަބަރު ސަރުކާރު

ޖީއެސްޓީއިން އެކަނި ދައުލަތަށް 10 ބިލިއަން ރުފިޔާ ލިބިއްޖެ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، މިއަހަރުގެ މިހާތަނަށް 10 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

Ads by STELCO

މިދިޔަ ހޮނިހިރު ދުވަހު ފިނޭންސް މިނިސްޓްރީއިން އާންމުކުރި ދައުލަތުގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް ދައުލަތަށް ލިބިފައިވަނީ ޖުމްލަ 26.3 ބިލިއަން ރުފިޔާއެވެ. އެއީ ޓެކުހުގެ ގޮތުގައި ލިބުނު 19.1 ބިލިއަން ރުފިޔާ އާއި އެހެން ގޮތްގޮތުން ލިބުނު 6.7 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު 488 މިލިއަން ރުފިޔާއެވެ.

ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ލަފަޔާއެކު ދައުލަތުން ވަނީ މިއަހަރުގެ ޖަނަވަރީގައި އާންމު ޖީއެސްޓީގެ ރޭޓު 8 އިންސައްތައަށް އަދި ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ 16 އިންސައްތައަށް ބޮޑުކޮށްފައެވެ. މި އަހަރުގެ މިހާތަނަށް ޖީއެސްޓީގެ ގޮތުގައި 10 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އެއީ ޢާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު 3.3 ބިލިއަން ރުފިޔާ އާއި ޓޫރިޒަމް ޖީއެސްޓީން ލިބުނު 6.6 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ މިހާތަނަށް 19.1 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވާއިރު، މިއީ 2022 ވަނަ އަހަރު ނިމުނުއިރު ދައުލަތަށް ޖުމްލަ ޓެކުހުގެ ގޮތުގައި ލިބުނު އަދަދާއި އެއްވަރުގެ އަދަދެކެވެ. މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 19.4 ބިލިއަން ރުފިޔާއެވެ. މި އަހަރު ނިމޭއިރު 23.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ޓެކުހުން ލިބޭނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

26.3 ބިލިއަން ރުފިޔާ މި އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވާއިރު، 2022 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 22.2 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 3.7 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ ކުރިން ސަރުކާރުން ލަފާކޮށްފައިވާގޮތުން މި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ބަޔާންކޮށްފައި އޮތީ 32 ބިލިއަން ރުފިޔާއެވެ. ނަމަވެސް ދާދިފަހުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގައި ދައުލަތުގެ އާމްދަނީ މުރާޖައާކޮށް 399 މިލިއަން ރުފިޔާ އިތުރަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!