ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެއްވެސް ދައުވަތަކަށް ޚާއްސަ ފޯކަސްއެއް ނުދެން: ފިރުޒުލް

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއާއި އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް ވަކި ޚާއްސަ ފޯކަސް އެއް ނުވަތަ އަހަންމިއްޔަތު ކަމެއް ނުދޭ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިހެން ވިދާޅުވެފައި ވަނީ އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދަޢުވަތު ދީފައިވާތީ އެކަމާއި ގުޅޭގޮތުން މީޑިއާތަކުން ސުވާލުކުރަމުން އަންނާތީއެވެ.
އެގޮތުން ފިރުޒުލް ވިދާޅުވީ އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދަޢުވަތު ދީފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ދައުވަތަކަށް ޚާއްޞަ ފޯކަސްއެއް ނުދޭ ކަމަށެވެ.
ހަމައެހެންމެ މި ރަސްމިއްޔާތުގެ ދައުވަތުތަކާއި ގުޅޭގޮތުން ކުރިންވެސް އެކި ފަހަރު މަތިން ފާހަގަކޮށްފައިވާނެހެން އަވަށްޓެރި ހުރިހާ ޤައުމުތަކަށާއި ރާއްޖެއާ ގާތް ގުޅުން އޮންނަ ވަރަށް ގިނަ ޤައުމުތަކަށް މި ރަސްމިއްޔާތަށް ދައުވަތު އަރުވާފައިވާ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ފިރުޒުލް ވިދާޅުވީ އަވަށްޓެރި އިންޑިއާގެ މީޑިއާތަކަށްވެސް ދައުވަތު ދީފައި ވާނީ އެގޮތަށް ކަމަށެވެ. އިންތިޚާބީ ރައީސް އާއި އިންތިޚާބީ ނައިބު ރައީސް ހުވާކުރެއްވުމުގެ ޖަލްސާ އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ހަވީރު 16:45ގައި ޖުމްހޫރީ މައިދާނުގައެވެ. ނަމަވެސް މޫސުން ގޯސް ވެއްޖެނަމަ މި ރަސްމިއްޔާތު ބާއްވާނީ ރައްޔިތުންގެ މަޖިލީހުގައެވެ.





ކޮމެންޓް