ޤައުމު އަމާން ކަމުގެ އައްސޭރިއަކަށް ގެންދިޔުމަށް ކޮންމެ ރައްޔިތަކު ވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހޭ: ސިޔާމް

ޤައުމު އަމާން ކަމުގެ އައްސޭރިއަކަށް ގެންދިޔުމަށްޓަކައި ކޮންމެ ރައްޔިތަކު ވެސް ފަރުދީ ޒިންމާ އަދާކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމު މުޙައްމަދު ވިދާޅުވެއްޖެވެ.
ސިޔާމް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
އެގޮތުން ސިޔާމްގެ ހިޠާބުގައި ރާއްޖޭގެ ރައްޔިތުންނަށާއި އިންތިޚާބީ ރައީސް ޑރ. މުޢިއްޒަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ވަނީ ދަންނަވާފައެވެ.
ހަމަަ އެހެންމެ އަންނަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ޤައުމުގެ ޒުވާނުންގެ މުސްތަޤުބަލު އުޖާލާ ކުރުމަށްޓަކައި ހަރުދަނާ އުފެއްދުންތެރި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޑިމޮކްރަސީގެ ބޭނުން އެންމެ ފުރިހަމައަށް ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ގޮވާލައްވާ ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެއަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބީއާއި، ކުރިއެރުން މިންވަރު ކުރެއްވުން އެދޭ ކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ.