އީވާ މަގާމުން ވަކިކުރަން ހުށަހަޅަން އެމްޑީޕީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ މަގާމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފިއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މިކަން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ދުވަހެއް މިހާތަނަށް ނިންމާފައިނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އީވާ ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ވައްދަން ސޮއި ހަމަކުރަން ފަށާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ކުރަން އެމްޑީޕީން ހުށަހަޅާފައިވާ ޤަރާރު އިއްޔެ ދެ ޖަލްސާ ބާއްވައިގެން ވެސް ކުރިއަށް ގެންދެވޭ ގޮތް ނުވުމުންނެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާ އެކުއެވެ.