އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ހަވީރަށް އެޖެންޑާކޮށްފި
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ހަވީރަށް އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން ވިދާޅުވީ މިއަދު ހަވީރު 16:00 އަށް ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރެވިފައިވާ ކަމަށެވެ.
އީވާ މަޤާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގެ ތަޅުމަށް ޤަރާރު ހުށަހަޅާފައި ވަނީ 50 މެންބަރުންގެ ސޮޔާއެކުއެވެ.
ނައިބު ރައީސް އީވާ މަޤާމުން ވަކިކުރުމަށް ޤަރާރެއް ހުށަހަޅާފައި ވާއިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަވެސް 49 މެންބަރުންގެ ސޮޔާއެކު އެ ޕާޓީން ވަނީ ހުށަހަޅާފައެވެ.
ރައިސް ނަޝިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު 11:00 ގައި ބޭއްވި ޖަލްސާގައިވެސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރިއެވެ.
ނަމަވެސް އެ ޖަލްސާ ކުރިއަށް ނުގެންދެވުމުން ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.
ރައީސް ނަޝީދުގެ މައްސަލަ މިއަދު ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށް އެޖަލްސާ ކުރިއަށް ނުގެންދެވުނީ އެމްޑީޕީ އާއި އެ ޕާޓީން ވަކިވެ ޑިމޮކްރެޓްސް އާއި ގުޅުނު މެމްބަރުންގެ އަރައިރުމާއިހެދިއެވެ.