ޑީއާރްޕީއާއެކު އެއްބަސްވުމެއް ހަދާފައި ނޯންނާނެ: އަދުރޭ
ޑީއާރްޕީއާއެކު އިދިކޮޅި ޕީޕީއެމް/ޕީއެންސީ އިން އެއްބަސްވުމެއް ހަދާފައި ނޯންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫންގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް-19 އަށް ފައްސިވެ ވެފައިވަނިކޮށް ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ޣައްސާން އަށް ގުޅުއްވައި ބަދު ބަސްތަކެއް ވިދާޅުވެފައި ވަނިކޮށެވެ.
ޑީއާރްޕީން އިދިކޮޅު ކޯލިޝަނާއެކު މިދިޔަ ހަފްތާގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވިއިރު، ބައެއް ފަރާތްތަކުން ވަނީ ޖާބިރުގެ މި އަމަލުގެ ސަބަބުން ޑީއާރްޕީއާއެކު ހަދާފައިވާ އެއްބަސްވުމާއި އެ ޕާޓީއާއެކު މަސައްކަތް ކުރުން ހުއްޓާލަން އިދިކޮޅަށް ގޮވާލާފައެވެ.
މިކަމާ ގުޅިގެން އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑީއާރްޕީ އަދި އެހެން އެއްވެސް ސިޔާސީ ޕާޓީއަކާއެކު އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ޕީޕީއެމް/ޕީއެންސީ އިން މިހާތަނަށް ހަދާފައި ނޯންނާނެ ކަމަށެވެ.
"ޕީޕީއެމް/ޕީއެންސީ އިން އަބަދުވެސް އިސްކުރާނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ދިވެހި ރައްޔިތުން" އަދުރޭ ވިދާޅުވިއެވެ.
ފޯނުން ގުޅުއްވާ ޖާބިރު ދެއްކެވި ވާހަކަތައް ހިއްސާކުރައްވާ ޣައްސާން ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ޖާބިރަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މިއޮތްހާ ދުވަހު ހީކުރެއްވީ މަޖިލިސް ތެރޭގައި ދައްކަވަމުން އައީ ހުސް ސަމާސާ ވާހަކަތަކެއް ކަމަށާއި އެކަމަކު މިއަދު ޖާބިރުގެ ހަގީގީ ކުލަވަރު ފެނިވަޑައިގެންފައިވާ ކަމަށް ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ހިއްސާކުރެއްވި އޯޑިއާގައި އިވިގެންދަނީ ޖާބިރު އޭނާއަށް ގުޅުއްވާ، ރައީސް މައުމޫނަށް ކޮވިޑް ޖެހިފައިވާ އަޑު އެއްސެވި ކަމާއި އެކަމާއި ހިތާމަކުރައްވާ ކަމަށް ވިދާޅުވާ އަޑެވެ.
އޭގެ ފަހުގައި ޖާބިރު ވަނީ ކިނބި ގަސްދޮށުގޭގެ ރަޖިސްޓްރީ އޭނާއަށް ދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ޖާބިރުގެ އެ އަމަލާއި ގުޅިގެން ސޯޝަލް މީޑިއާގައި ވެސް އޭނާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އަދި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަ ކުރެ އެވެ.