ގައުމީ ޔުނިވާސިޓީގެ ޗާންސެލަރަކަށް ޝައުގީ

ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ. މަހުމޫދު ޝައުގީ މިއަދު އައްޔަން ކުރައްވައިފިއެވެ.
މި މަގާމަށް ޝައުގީ އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު އެރުއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައި މިހާތަނަށް ހުންނެވީ ޑރ. ހަސަން ހަމީދެވެ.
ރައީސް މުއިއްޒު މިއަދު ވަނީ ޔުނިވާސިޓީގެ އެހެން މަގާމުތަކަށް ވެސް ބޭފުޅުން އައްޔަން ކުރައްވާފަ އެވެ. އެގޮތުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ކަމަށް އައްޔަން ކުރެއްވީ ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ. އަދި އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ކަމަށް އައްޔަން ކުރެއްވީ ޑރ. އަލީ ޒާހިރުއެވެ.
މީގެއިތުރުން ރައީސް މުއިއްޒު މިއަދު ވަނީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށް އިގްބާލް އާދަމް އަދި ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމަށް މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވެސް އައްޔަންކުރައްވާފަ އެވެ.