އަންނަ ޖެނުއަރީ މަހު މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓު ވާދަކުރާނެ ކެންޑިޑޭޓަކީ މާލެ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ސައިފް ފާތިހު ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
މިކަން ހާމަކޮށް ޑިމޮކްރެޓްސް އިން ބުނީ މާލެ ސިޓީގެ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ޕްރައިމަރީ އަށް ކުރިމަތިލުމަށް މި މަހުގެ 5 ވަނަ ދުވަހު އިއުލާންކޮށްފައިވާ މުއްދަތުގައި އެ މަޤާމަށް ވާދަކުރުމަށް ހުށަހަޅުއްވާފައި ވަނީ މުހައްމަދު ސައިފް ފާތިހް އެކަނި ކަމަށެވެ.
އެހެން ކަމުން ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން މާލެ ސިޓީގެ މޭޔަރު އިންތިޚާބު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްގެ ބައި އިލެކްޝަނަށް ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނީ ސައިފް ކަމަށް އެ ޕާޓީން ހާމަކުރެއެވެ.
މާލޭ ސިޓީގެ މޭޔަރު ކަމުގެ މަޤާމު ހުސްވެފައި މިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް، އެ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.
މާލޭ ސިޓީގެ މޭޔަރު ކަމަށް ސައިފްގެ އިތުރުން ދެން ވާދަ ކުރައްވާނެ ކަން ހާމަ ކޮށްފައިވާ ބޭފުޅުންނަކީ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ.