ހަޤީޤީ މާނައިގައި ލާމަރުކަޒު ކުރެވިއްޖެ ކަމުގެ އިހްސާސް ކުރެވެން ފަށައިފި ކަމަށް ވިދާޅުވެ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމެވި ނިންމެވުމަށް މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރު އަހްމަދު ނަރީޝް ތައުރީފު ކުރައްވައިފިއެވެ.
މި ނިންމެވުމަށް ނަރީޝް ތައުރީފު ކުރައްވާފައި ވަނީ އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ނަރީޝް ވިދާޅުވީ ހަޤީޤީ މާނައިގައި ލާމަރުކަޒު ކުރުމުގެ މަސައްކަތް ފެށިއްޖެ ކަމުގެ އިހުސާސްކުރެވެން ފަށައިފި ކަމަށެވެ.
ރާއްޖޭގެ އޮންލައިން މީޑިއާއަކުން ލިޔެފައިވާ މި ޚަބަރުގެ ލިންކު ހިއްސާކުރައްވާ ނަރީޝް އިތުރަށް ވިދާޅުވީ މޮހޮނަށް އޮޑިދޭ އުސޫލު ނިމުމަކަށް ގެނެސް މާލޭސިޓީ ކައުންސިލް ހަޤީޤީ މާނައިގައި ބާރުވެރި ކުރުވަން މިއަދު ނިންމެވީ ސެލިއުޓް ހައްޤު ނިންމުމެއް ކަމަށެވެ.
މި ނިންމުން ނިންމަވާފައި ވާތީ ނަރީޝްގެ ޕޯސްޓުގައި ވަނީ ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް ޝުކުރު ދަންނަވާފައެވެ.
މާލެ ސިޓީގެ މޭޔަރު ޑރ.މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން، މޭޔަރުގެ ޒިންމާތައް ދޫކޮށްލުމާއި ގުޅިގެން މޭޔަރުގެ ޒިންމާތައް މިހާރު އަދާކުރައްވަމުން ގެންދަވަނީ މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރު ނަރީޝް އެވެ.