ހަރަދު ކުޑަ ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސަތުތަކަށް ބަދަލު ގެނައުން: ފިނޭންސް މިނިސްޓަރ

ހަރަދު ކުޑަ ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސަތުތަކަށް ބަދަލު ގެނައުން ކަމަށް ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވީއެންމެ ބޮޑަކަށް ޚަރަދު ކުޑަކޮށްގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެންމެ އިސްކަން ދޭން ޖެހޭ ކަމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުން ކަމަށެވެ.
އަދި ޚަރަދު ކުޑަކުރުމާއި ގުޅޭ ފިޔަވަޅުތައް ތަންފީޒުކުރުމަކީ މުހިންމު ކަމެއް ކަމަށާއި ގޮންޖެހުންތައް ހުރި ނަމަވެސް އަމާޒަކީ މިހާތަނަށް ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި އަހަރު ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހަށް އަންނަ އަހަރުގެ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަން." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބަޖެޓުގައި ޚަރަދުކުޑަކުރުމަށް އިންޑައިރެކްޓް ސަބްސިޑީތައް އެންމެ ބޭނުން ޖެހޭ މީހުންނަށް ޑައިރެކްޓް ސަބްސިޑީއަށް ބަދަލުކުރުން, އާސަންދައިގެ ނިޒާމް މުރާޖައާކުރުން އަދި ސަރުކާރުގެ ވެލްފެއަރގެ ގޮތުގައި އެހީދޭ ނިޒާމް ހަރުދަނާކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ސިޔާސަތުތައް އެކުލަވާލާފައިވަނީ އައިއެމްއެފް ވޯލްޑް ބޭންކް ފަދަ މާލީ އިދާރާތަކުގެ ފަންނީ އެހީތެރިކަމާއެކު ތައްޔާރުކުރެވުނު ދިރާސާތަކުގެ އަލީގައި ކަމަށާއި އަންނަ އަހަރު ޖުލައި މަހު މި ކަންކަން ތަންފީޒުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.