ޚަބަރު

ޕީސީބީ ބޯޑުގެ ރައީސްކަމުގެ މަޤާމަށް ޙަމްދީ ޢަޤީލް ޢައްޔަނު ކުރައްވައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްކަމުގެ މަޤާމަށް ޙަމްދީ ޢަޤީލް ޢައްޔަނު ކުރައްވައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކުރައްވާ ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް ހެންވޭރު ރަންގަލި 4، ޙަމްދީ ޢަޤީލް މިއަދު ޢައްޔަނު ކުރައްވާފައިވާ ކަމަށެވެ.

ޙަމްދީ ޢަޤީލަކީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމަރސް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

ޙަމްދީ ޢަޤީލް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމާއި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމު ވެސް ހިމެނެއެވެ.

ޖުމުލަ 7 މެންބަރުން ތިއްބަވާ ޕީސީބީ ބޯޑުގެ ރައީސްގެ މަޤާމު ހުސްވެފައި މިވަނީ ދައުރު ހަމަވުމާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު އެ ބޯޑުގެ އޭރުގެ ރައީސްގެ މަޤާމުގައި ހުންނެވި އާސިމް މުހައްމަދު ބޯޑުން ވަކިވުމުންނެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މަޤާމަށް މީހުން އައްޔަނު ކުރެވެނީ ރައީސް ބޭނުންފުޅުވާ ނަންތައް ޕީސީބީ ބޯޑަށް ފޮނުއްވައި، ބޯޑުން ފާސް ކޮށްގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!