ޚަބަރު ސަރުކާރު

އެފްކޮންސްއިން އެންމެ ފަހުން އެއްބަސްވެފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30އަށް ބްރިޖު ނިންމަން: މިނިސްޓަރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކޮންސްޓްރަކްޝަންސް މިނިސްޓަރު މުއްޠަލިބު: ފޮޓޯ/ ދެން

ތިލަމާލެ ބްރިޖު މަޝްރޫޢު ނިންމައި، ސަރުކާރާއި ޙަވާލު ކުރަން އެއްބަސްވެފައި ވަނީ 30 ސެޕްޓެމްބަރު 2026އަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު މުއްޠަލިބު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ތިލަމާލެ ބްރިޖު މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވައިފައެވެ. މިނިސްޓަރު ވަނީ އިންޑިއާގެ އެފްކޮންސްއާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ޓައިމްލައިނެއް ހިއްސާ ކުރައްވައި، މި މަޝްރޫޢު ލަސްވެގެން ދިޔަ ބައެއް ސަބަބުތަކަށް ވެސް އަލިއަޅުވައިލައްވައިފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ފެށުނު ތާރީޚަކީ 16 ސެޕްޓެމްބަރު 2021އެވެ. މަސައްކަތް އެއްކޮށް ނިންމަން ކުރީ ސަރުކާރުގައި ވެފައިވާ އެއްބަސްވުމުގައި ކަނޑައެޅީ، 17 މެއި 2024އެވެ.

ކޮންޓްރެކްޓް ބެހިފައިވަނީ ދެ ބަޔަކަށެވެ. އޭގެ ތެރެއިން "ސެކްޝަން އޭ" އަކީ މާލެއިން ފެށިގެން ގުޅީފަޅާއި ހަމައަށެވެ. އެ މަސައްކަތް ނިންމަން ކުރިން ތާވަލު ކޮށްފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހަށެވެ.

"ސެކްޝަން ބީ" އަކީ ގުޅިފަޅުން ފެށިގެން ތިލަފުއްޓާއި ހަމައަށެވެ. މި މަސައްކަތަށް ދީފައިވާ މުއްދަތަކީ 32 މަސް ދުވަހެވެ. އެ މަސައްކަތް ނިންމާ ގޮތަށް އޮތީ 17 މެއި 2024 އަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއިން ބަލާއިރު އަޅުގަނޑުމެންނަށް އެބަ ފެނޭ، މަސައްކަތްތަކެއް އަވަސް ކުރަން ޖެހޭކަން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތިލަމާލެ ބްރިޖު މަޝްރޫޢު ނިންމަން ކުރިން އެއްބަސްވި ތާރީޚަކީ 17 މެއި 2024 ކަމަށާއި، ފަހުން މަޝްރޫޢު ނިންމަން އެއްބަސްވެފައިވާ ތާރީޚަކީ 30 ސެޕްޓެމްބަރު 2026 ކަމަށެވެ. މަޝްރޫޢުގެ އެއްބަސްވުން އެކުލެވި، ސޮއި ކުރެވިފައިވުމާއިއެކު، މަސައްކަތް އަވަސް ކުރުމަށް އަލުން ތާރީޚެއް ކަނޑަނޭޅުނަސް، އަވަސް ކުރެވެން ހުރި ކަންކަން ބަލައި، މަޝްރޫޢު އަވަސް ކުރަން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަޝްރޫޢު ލަސްވެގެން ދިޔަ އެއް ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ، އެފްކޮންސް އަށް މަސައްކަތުގެ ބުރަކަމާއި އުނދަގޫކަން "އަންޑަރއެސްޓިމޭޓް" ކުރެވުމެވެ. އަދި ތިލަމާލެ ބްރިޖު ފަދަ މަޝްރޫޢެއް ހިންގުމުގެ ތަޖުރިބާ ނެތުމަކީ ވެސް ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުނު ސަބަބެއް ކަމަށް ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖް މަޝްރޫޢުއަށް ޚަރަދުވަނީ 500 މިލިއަން ޮޑޮލަރެވެ. މިނިސްޓަރު ވިދާޅުވީ، މަޝްރޫޢު ލަސްވެގެން ދިޔަސް، ދައުލަތުން އެފްކޮންސްއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު އިތުރު ނުވާ ކަމަށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!