ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ ފަރާތަކަށް ޕާޓީއެއް ނުއުފެއްދޭނެ

ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ ފަރާތަކަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޤާނޫނީ ގޮތުން ހުރަސްތައް ހުރިކަން އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ނައިބު ރައީީސް އިސްމާޢީލް ހަބީބް ހާމަކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބު މިކަން ހާމަކުރައްވައިފައި ވަނީ، ޕީޕީއެމްގެ ރައީީސް، ރައީސް ޔާމީން އެ ޕާޓީން ވަކިވެވަޑައިގެން، އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައިވަނިކޮށެވެ. ރައީސް ޔާމީން ގެންދަވަނީ ވ.އާރަށް މައްސަލައިގައި 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ހަބީބު ވިދާޅުވީ، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާ އިން، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާއިރު، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޝައުޤުވެރިވާކަން ބަޔާންކޮށް، ޝަރުޠު ހަމަވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިދާނެ ކަމަށެވެ. ހަބީބު ބަޔާާން ކުރެއްވި ޝަރުތުތަކަކީ: 1 ދިވެހި ރައްޔިތަކަށްވުން 2 ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުން. 3 އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން. 4 އެމީހެއްގެ މައްޗަށް ޝަރުޢީ ޙުކުމެއް ތަންފީޛުކުރެވެމުންދާ މީހެއްކަމުގައި ނުވުން. 5 އެހެން ޤައުމެއްގެ ރައްޔިތަކަށް ނުވުން. 6 ސާބިތު ދަރަންޏެއް ދައްކަމުން ނުދާ މީހެއްކަމުގައި ނުވުން. 7 ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން، 12މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 3 އަހަރުދުވަސް ވެފައިވުން. 8 މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ކުޑަކުދިންނާ ބަދުއަޚުލާޤީ ޢަމަލު ހިންގިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން، 9 ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މީހަކު ކަމުގައި ނުވުން. ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކުރާ ޕާޓީއެއްގެ ނަމާއި، ނިޝާނާއި ސިއްކައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އެ ދަފުތަރުގައި ކުރިން ރަޖިސްޓަރީކޮށްފައިވާ އެހެން ޕާޓީއެއްގެ ނަމާއި، ނިޝާނާއި، ސިއްކައާއި، ކުލަ އާއި، ދިދަ އާއި، އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެއްސާ އެއްގޮތްވެގެން ނުވާނެ. އަދި ސިޔާސީ ޕާޓީއެއްގެ ނަމުގައި، މީހެއްގެ އަމިއްލަ ނަން ނުވަތަ ވަނަން ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަޙައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާނަން ހިމަނައިގެން ނުވާނެ. ރައީީީސް ޔާމީންގެ އައު ސިޔާސީ ޕާޓީގެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ނައިބު ރައީީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދާއި، ކުރީގެ ޔޫތު މިނިސްޓަރު މަލީހުއެވެ. މަލީހު ވިދާޅުވަނީ، ޕާޓީގެ ނަމާއި، ކުލަ އާއި ލޯގޯ މިހާރު ފައިނަލް ކުރެވިފައިވާ ކަމަށެވެ.





ކޮމެންޓް