މަޖިލީހަށް އާ ނައިބު ރައީސަކު އިންތިޚާބުކުރުން މިރޭ

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިސްތިއުފާ ދެއްވުމާއި ގުޅިގެން އާ ނައިބު ރައީސްކު އިންތިހާބުކުރުން މިރެއަށް ތާވަލުކޮށްފިއެެވެ.
މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީގެ 50 މެމްބަރުން ސޮއިކުރައްވައި ހުށަހެޅުއްވި ގަރާރު މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. މަޖިލީހަށް ހާޒިރުވެ އިވާ ވަނީ އެ މައްސަލާގައި ޖަވާބުދާރީ ވާން ދިން ފުރުސަތުގައި ޖަވާބުދާރީވެސް ވެފައެވެ.
އަދި ވާހަކަފުޅު ނިންމަވާލައްވަމުން އީވާ ވަނީ މަޖިލީހުގެ ނާއިބްރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
އޭގެ ފަހުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އީވާގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންކަން ހާމަކުރައްވައިފައެވެ.
އަދި މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ މިރޭ 8:30 ގައި އޮންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.