އަހަރަކު ދިހަ ކުދިންނަށް ސަރުކާރުގެ ޚަަރަދުގައި ބޯން މެރޯގެ ފަރުވާ ދޭން ނިންމައިފިއެވެ.
އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައެވެ. މި ނިންމުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ, މިވަގުތު ރާއްޖޭގައި ބޯން މެރޯ ހެއްދުމަށް 40 ކުއްޖަކު ރެޖިސްޓްރީކޮށްފައިވާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި ކުދިންގެ ތެރެއިން ޕްރޮސީޖަރތައް ފުރިހަމަވާ ފަރާތްތައް މި ދައުުރުގައި ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހައްދައިދިނުމެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި ލިސްޓް ގައި މިވަގުތު ތިބި ކުދީންގެ ތެރެއިން 35 ކުއްޖަކަަށް ބޯންމެރޯ ހެދޭނެ ކަމަށް ލަފާކޮށް އެ އަދަދަށް ކުދީންނަށް އެ ފުރުސަތު ތަނަވަސް ކޮށްދޭނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ އަހަރުގެ 10 ކުދިންނަށް މި ފަރުވާ ފޯރުކޮށްދިނުމެވެ.
ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ތެލެސީމިއާގެ ވަށާޖެހޭ ފަރުވާ ލިބޭ ހޮސްޕިޓަލެއް ގާއިމު ކުރުމަށް ވެސް ނިންމާފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ހޮސްޕިޓަލް އެޅުމަށް 25 މިލިއަން ޑޮލަރު ހޭދަ ކުރަން ވަނީ ނިންމާފައެވެ. ހޮސްޕިޓަލް އަޅާނީ މާލެ ސަރަހައްދު ގައެވެ.
މި ހޮސްޕިޓަލުން ތެލެސީމިއާ ކުދީންނަށް ބޭނުންވާ ހުރިހާ ފަރުވާ އެއް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. ހޮސްޕިޓަލް ހަދާނީ އެކި ފަރުވާއަށް މާލެ އަންނަ ތެލެސީމިއާ ކުދީންނަށް އެ ހޮސްޕިޓަލް ގައި ތިބޭނެ އިންތިޒާމުތަކާ އެކު ކަމަށް ވެސް ވަނީ ބުނެފައެވެ.