މެޑަމް ސާޖިދާއަށް މަހަކު ގިނަވެގެން ލިބެނީ 3000 ރުފިޔާ، ޚާއްޞަ އުސޫލެއް ނެތް: ސީއެސްސީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއާ ސައިންޓިފިކް އޮފިސަރެއްގެ މަޤާމުގައި ހުންނެވި މެޑަމް ސާޖިދާ މުހައްމަދަށް މަހަކު ގިނަވެގެން ލިބެނީ 3000 ރުފިޔާ، ކަމަށާއި އެ ކަމަނާ ވަޒީފާއަށް ނިކުތުމުގައި ޚާއްޞަ އުސޫލެއް ހަދާފައި ނުވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.
އެގޮތުން މެޑަމް ސާޖިދާއަށް ޚާއްޞަ އުސޫލަކުން އަމަލުކުރާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަމުން އަންނަ އެ މައްސަލައިގައި މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ ފަސްޓް ލޭޑީއަށް ވީތީ މެޑަމް ސާޖިދާއަށް ޚާއްޞަ ސޫލަކުން އަމަލުކޮށްފައި ނުވާނެ ކަމަށެވެ.
ހަމަ އެހެންމެ ފުރަތަމަ އެދުނީ މެޑަމް ސާޖިދާއަށް ދާއިމީ ވަޒީފާގައި ދެމިހުރެވޭނެ ގޮތެއް ހޯދަން ކަމަށާއި ޤަވާއިދު އެގޮތަށް ތަން ނުދޭތީ ކޮންސަލްޓެންޓެއްގެ ގޮތުގައި ކޮންޓްރެކްޓު އުސޫލުން އެ ކަމަނާ މަސައްކަތް ކުރައްވާ ގޮތަށް ހަމަޖެއްސީ ކަމަށް ނާސިހް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ މަސައްކަތަށް މެޑަމް ސާޖިދާ މުސާރައެއް ބޭނުންފުޅުނުވާ ކަމަށް ވިދާޅުވި ނަމަވެސް ސީއެސްސީގެ ޤާނޫނު އޮންނަ ގޮތުން، އެއްވެސް މީހަކު ލައްވައި މަސައްކަތެއް ކުރުވާނަމަ އެ މީހަކަށް އުޖޫރައެއް ދޭން ޖެހޭ ކަމަށް ނާސިހް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މެޑަމް ސާޖިދާއަށް މަހަކު ގިނަވެގެން ލިބެނީ 3000 ރުފިޔާ، ކަމަށް ނާސިހް ވަނީ ވިދާޅުވެފައެވެ. އަދި ކޮންޓްރެކްޓު އުސޫލުން މަސައްކަތް ކުރެވޭ ގޮތަށް ހަމަޖެއްސީ ކުރިން ވެސް އެފަދަ މައްސަލަތަކުގައި އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ކަމަށް ނާސިހް ވަނީ ވިދާޅުވެފައެވެ.
މިގޮތުން އެ އުސޫލުގެ ތެރެއިން މެޑަމް ސާޖިދާ ކޮންޓްރެކްޓު އުސޫލުން އެމްއެފްޑީއޭގައި މަސައްކަތް ކުރައްވާގޮތަށް މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ވަނީ ހަތަރު އަހަރުގެ މުއްދަތަކަށް ކޮންޓްރެކްޓުގައި ސޮއިކޮށްފައި ކަމަށް ނާސިހް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ކަނޑައަޅާފައިވާ އެއްވެސް ޤާނޫނަކުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ސިވިލް ސާވިސްގެ އެއްވެސް ވަޒީފާއެއް އަދާކުރުމެއް މަނާ ނުކުރާ ކަމަށްވެސް ނާސިހް ވަނީ ވިދާޅުވެފައެވެ.
ބަޔަކަސްއް ޖެއްސުމެއްތަ ތިކުރީ، ތިޔައީ ޒިއްމާ އަދާދާނުކުރެވި ބޮއްސުންލާފައި އޮތްތަނެއް ތިޔަތަނުން ޤައުމަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށދިނުމުގައި އެކަމަނާ އެދުނުހި ތިޔަޖެއްސުން ކުރެއްވީ އެކަމަނާގެ ޕްރޮފެޝަން އައްތޯ