ޚަބަރު ސިޔާސީ

ނެދަލެންޑްސްއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބު، މިނިސްޓަރ އޮފް ސޯޝަލް އެފެއާޒް އެންޑް އެމްޕްލޯއިމަންޓް ކަރީން ވަން ޚަނިޕްއާއި އަންގާރަ ދުވަހު ބައްދަލު ކުރައްވާ ދެ ޤައުމުގެ ދޭތެރޭ އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

Ads by STELCO

‎މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސްއާއި ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބު، ވަނީ ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމާއި ފަތުރުވެރިކަމާއި ވިޔަފާރިއާއި މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

‎މީގެ އިތުރުން، މި ދެ ބޭފުޅުން ވަނީ ދެ ޤައުމު ގުޅިގެން ޒުވާނުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބު ވަނީ އެ ޤައުމުގެ އަމިއްލަ ވިޔަފާރިވެރިން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާކަން ހާމަކުރައްވާފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބުގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ އެކުގައި މަސައްކަތް ކުރުމަށާއި ދެ ޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގެ ފުރިހަމަ އަޒުމުގައެވެ.

‎ދިވެހިރާއްޖެއާއި ނެދަލެންޑްސްއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ 1979 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!